ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އަލަށް އުފެއްދި މިނިސްޓްރީތަކަށް ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އިން ހޯދަން އިއުލާން ކޮށްފިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގައި އަލަށް ހަތަރު މިނިސްޓްރީއެއް އުފައްދަވާދައިވެއެވެ. އެއީ ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެ ހަތަރު މިނިސްޓްރީ އަށް ވެސް ޕީއެސް އިން ހޯދަން އިއުލާން ކޮށްފައެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ މަގާމުގެ އަސާސީ މުސާރައަކީ މަހަކު 20،500.00 ރުފިޔާ ކަމަށެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000.00 ރުފިޔާ ލިބޭނެ ކަމަށްވެސް ބުންޏެވެ.
ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، މިމަހުގެ 30ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ސިވިލް ސާވިސް ކޮމިޝަނުގެ އިދާރާއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެ ކަމަށް ސިވިލް ސާވިސް އިން ބުންޏެވެ.
އެ އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން، އިއުލާނުގެ މުއްދަތުގެ ތެރޭގައި ރަސްމީ ދުވަހެއް ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަތުމުގެ މުއްދަތު އިތުރުކުރެވޭނެ ކަމަށް ވެސް ސިވިލް ސާވިސް އިން ބުންޏެވެ.