ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ހިންގުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އަލަށް އުފެއްދި ވުޒާރާ ކަމަށްވާ ލޯކަލް ގަވަމަންޓް މިނިސްޓްރީއާ ހަވާލު ކޮށްފިއެވެ.

ރައީސް އޮފީހުން ރޭ ވަނީ ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތައް އާއްމު ކޮށްފައެވެ. ރައީސް މުއިއްޒުގެ ސަރުކާރުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސްގެ ނަމުގައި މުޅިން އާ މިނިސްޓްރީއެއް އުފެއްދި އެންމެ ބޮޑު ބޭނުމަކީ ކައުންސިލްތަކުގެ މަސައްކަތްތައް ގާތުން ވިލަރެސްކޮށް ކައުންސިލްތަކުގެ މަސައްކަތުގެ ސްޕީޑު އަވަސް ކުރުމެވެ.

މި މިނިސްޓްރީއާ ހަވާލު ކޮށްފައިވާ މެންޑޭޓުތަކުގެ ތެރޭގައި ކޮމިއުނިކޭޝަންގެ ދާއިރާއާ ގުޅުންހުރި ގިނަ ކަންތައްތަކެއްވެއެވެ. އޭގެތެރޭގައި ހިމެނޭ ބައެއް ކަންކަން:

- ރާއްޖޭގެ ކޮމިއުނިކޭޝަން ޓެކްނޯލޮޖީއާބެހޭ ސިޔާސަތު ކަނޑައަޅައި، އެ ސިޔާސަތު ތަންފީޒުކުރުން.

- ކޮމިއުނިކޭޝަންގެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.

- ގައުމީ ތަރައްގީގެ ޕްލޭންގައި އެކަށައަޅާ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ކޮމިއުނިކޭޝަންގެ ދާއިރާގެ މާސްޓަރޕްލޭން އެކުލަވާލައި ތަންފީޒުކުރުން.

- އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައިޓީޔޫ) އާއި، އޭޝިޔާ ޕެސިފިކް ޓެލެކޮމިއުނިކޭޝަން (އޭ.ޕީ.ޓީ) ކޮންވެންޝަންތަކުގައިވާ އުސޫލުތަކާއި އެއްގޮތަށް ރާއްޖޭގެ ޓެލެކޮމިއުނިކޭޝަނުގެ ހިދުމަތާބެހޭ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.

- ކޮމިއުނިކޭޝަންގެ ދާއިރާތަކުން ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތައް ރާވައި ހިންގުން.

މީގެއިތުރުން ވެސް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ހިންގާނީ ލޯކަލް ގަވަމަންޓު މިނިސްޓްރީގެ ދަށުން ކަމަށް ބަޔާން ކޮށްފައިވެއެވެ.

ކޭމްގެ މަސައްކަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާ ގުޅޭގޮތުން ތިރީގައިވާ މަސައްކަތްތައް ކުރުމާއި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޓެލެކޮމިއުނިކޭޝަނާއި ރޭޑިއޯ ކޮމިއުނިކޭޝަންގެ ކަންކަން ރެގިއުލޭޓުކުރުން ހިމެނެއެވެ. ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ދާއިރާ ތަރައްގީ ކުރުމަށް ހިތްވަރުދީ، ޓެލެކޮމިއުނިކޭޝަންގެ ސިނާއަތު ކުރިއެރުވުމަކީ ވެސް ކޭމްގެ މަސައްކަތްތަކުގެ ތެރޭގައި ހިމަނާފައިވާ ކަންކަމެވެ.

ކޭމްގެ ޒިންމާގެ ތެރޭގައި ހިމެނޭ އިތުރު ކަންކަން:

- ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ސިނާއަތުގައި، ހަމަހަމަ އަދި ވާދަވެރި ވެށްޓެއް ގާއިމުކޮށް ކުރިއަރުވައި ތަރައްޤީކުރުން.

- ޓެލެކޮމިއުނިކޭޝަންގެ ދާއިރާގައި ހިނގާ ވިޔަފާރީގެ ވާދަވެރިކަމާ ދެކޮޅު ކަންތައްތައް ހުއްޓުވުން.

- ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، ކަމާގުޅޭ އެނޫންވެސް ކަންކަން ހިންގައި ބެލެހެއްޓުން.