ރައްޔިތުން ބޭނުންވާ ގޮތަށް ރާއްޖޭގެ ރަށްތަކުގެ ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ބާރު ސްޕީޑުގައި ހިނގަމުން ދާތަން ދެން ރައްޔިތުންނަށް ފެނިގެން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ މާފަންނުގައި މީގެ ޒަމާންތަކެއް ކުރިން ހުރި ގަޑިބުރު، ޒަމާނީ ބަދަލުތަކާއެކު އަލުން އިމާރާތްކޮށް އެ ގަޑިބުރު ހުޅުވުމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މީގެކުރިން މާލޭގެ މޭޔަރުކަމުގައި ވެސް ހުންނެވުމާއެކު ކައުންސިލްތައް އަސްލު ހިނގަން ޖެހޭ ސްޕީޑުގައި ނުހިނގަނީ ކީއްވެގެންކަން އެމަނިކުފާނަށް އެނގިވަޑައިގެންނެވި ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރުގައި ކައުންސިލްތަކަށް ހާއްސަކޮށް ވަކި މިނިސްޓްރީއެއް އުފެއްދެވީ އެ ބޭނުމުގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު މާލޭގެ މޭޔަރު ކަމުގައި ހުންނަވައިގެން ކުރަން ބޭނުންވި، އެހެންނަމަވެސް ސަރުކާރުގެ ހުއްދަ ނުލިބުމުގެ ސަބަބުން ނުފެށި ހުރި ހުރިހާ މަޝްރޫއުއެއް ވެސް ކުރިޔަށް އޮތްތަނުގައި ބާރު ސްޕީޑުގައި ކުރިޔަށް ދާނެ ކަމަށެވެ.
"ހާއްސަ ގޮތެއްގައި ޕާކިން ބިލްޑިންގްތައް އެޅުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ނިންމާފައި ހުރި މަޝްރޫއުތައް އެއްބަސްވުންތަކާއި އެއްގޮތަށް އެކަން ކުރުމުގެ ފުރުސަތު ސަރުކާރުން ދޭނަން. އޭގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި މަލްޓި ސްޓޯރީ ނުވަތަ މަލްޓި ޔޫސް ނޫނީ އެކި ކަހަލަ ބޭނުންތައް ހިފޭ ފަދަ އުސް ޕާކިން އިމާރާތްތައް ހެދިގެން ދާނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ ކުރިޔަށް އޮތް ތަނުގައި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ވެސް ފެށިގެން ދާނެ ކަމަށެވެ. އެކަން ކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި އާ ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިމެނުމަށް ލިބުނު ފުރުސަތުގައި އެކަމަށް ފައިސާ ހަމަޖައްސާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ މިއީ ބޮޑު މަޝްރޫއު އަކަށް ވާތީ ބޭރުގެ އެހީތެރިކަން ވެސް މިކަމުގައި ހޯދުން. ކޮންމެއަކަސް މާލޭގެ މަގު ހެދުމުގެ މަޝްރޫއު އާއި މާލޭގައި މިގޮތަށް ހުންނަ ބޮޑެތި މައްސަލަތައް ހައްލު ކުރުން އެއީ ހަމަ ސަރުކާރުން އެންމެ އިސްކަން ދޭނެ ކަންތައް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނު ތެރޭގައި ރާއްޖޭގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް އިސްތިގުބާލު ދެންނެވުމަށް ރަށްރަށުގައި އައިސް ތިބޭ ކުޑަކުދިންގެ ފަރާތުން އެކުދިން ކުރަހާފައިވާ ނުވަތަ ލިޔެފައިވާ އެކި ލިޔުންތައް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އެއިން ކޮންމެ ކުރެހުމެއް ނުވަތަ ލިޔުމެއްގައި ވަނީ އެކުދިންނަށް ކުޑަކުދިންގެ ޕާކެއް ރަށްރަށުގައި ގާއިމް ކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ކުޑަކުދިންނަށް ޕާކެއް ގާއިމް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.