ފަލަސްތީނަށް މެދުކެނޑުމެއްނެތި އިޒްރޭލުން ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކާއި، އެގައުމުގެ ބިންތައް ގަދަކަމުން ފޭރެމުން އަންނާތީ އިޒްރޭލު މީހުން ރާއްޖެއަށް އައުން މަނާ ކުރުމަށާއި އެ ގައުމުގެ މުދާ ވެސް ރާއްޖެއަށް އެތެރެނުކުރަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ގޮވައިލައްވައިފި އެވެ.
މިއަދުގެ މަޖިލީހުގައި ގާޒާގައި އިޒްރޭލުން ހިންގަމުން އަންނަ ގަތުލުއާއްމު ކުށްވެރިކުރައްވައި ގަރާރު ހުށައެޅުއްވީ ވިލިނގިލި ދާއިރާގެ އެމްޑީޕީ މެމްބަރު ސައުދު ހުސައިން އެވެ. ސައުދު ހުށަހެޅުއްވި ގަރާރަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވީ ރާއްޖޭން އިޒްރޭލާ އެއްވެސް މުއާމަލާތެއް ކުރަން ނުޖެހޭ ކަމަށާއި އެއީ މަނާ ކަމަކަށް ހަދަން ޖެހޭ ކަމަށެވެ.
އެކަމާ ގުޅިގެން ކުރި ބަހުސްގައި ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު ޔާސިރު އަބްދުލް ލަތީފު ވިދާޅުވީ އިޒްރޭލު ކުށްވެރިކޮށް ބަޔާންތައް ނެރުމުގެ އިތުރުން ދެން ކުރެވެން އޮތީ ކޮންކަމެއްތޯ ބަލަން ޖެހޭ ކަމަށެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ގޮތުގައި މެމްބަރުން ފާހަގަކުރައްވާ ކަންތައްތަކުގެ ލިސްޓެއް އެއާ އެކު އޭނާ ދެއްވި އެވެ.
"އިޒްރޭލުގެ ޕާސްޕޯޓް ބޭންކުރުން އެއް ކަމަކަށް. އިޒްރޭލުން އެތެރެކުރާ މުދާ ހުއްޓުވައިލުން ދެވަނަ ކަމަކަށް،" ޔާސިރު ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރުމާއި އެ ގައުމުގެ މުދާ އެތެރެ ނުކުރުމަކީ ކުރެވިދާނެ ކަމެއްތޯ ބަލަން ޖެހޭ ކަމަށާއި ދިވެހި ސަރުކާރުގެ އެއްވެސް އޮފިޝަލަކު އިޒްރޭލާ މުއާމަލާތް ކުރުން މަނާ ކުރުމަކީ މިހާރުން މިހާރަށް ވެސް ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ދިވެހިންގެ ގޮތުގައި ތިބެ އިޒްރޭލު ޕްރޮމޯޓު ކުރުން މަނާކުރުމަކީ ވެސް ޔާސިރު ވިދާޅުވި ގޮތުގައި މިހާރުން މިހާރަށް ވެސް ކުރެވިދާނެ ކަމެކެވެ.
މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ ރާއްޖެއަށް ޓޫރިސްޓުންގެ ގޮތުގައި އިޒްރޭލު މީހުން އައުން މަނާކުރުމަކީ ދިވެހިން ރުޅިއައިސްފައި ތިބިކަން އެނގިގެން އިޒްރޭލު ސަރުކާރުން އެކަން މަނާކުރުމުގެ ކުރިން ރާއްޖޭން އަޅަން ޖެހޭނެ ފިޔަވަޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެ ގަރާރާ މެދު ބަހުސް ކުރައްވަމުން ފުނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ އިޒްރޭލަކީ ޓެރަރިސްޓު ދައުލަތެއް ކަމަށް މިހާރު ސާފުކޮށް ދަންނަވަން ކެރޭނެ ކަމަށެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ހިންގަމުންދާ އަމަލުތައް ނުހުއްޓުވައިފި ނަމަ، އެހެން ގައުމުތަކުން ވެސް އެ ގާނޫނުތަކަށް ތަބާނުވެ، މުޅި ދުނިޔެ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ހިނގައިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ. ސިރާޖު ވިދާޅުވި ގޮތުގައި ދުނިޔެއަށް މިސާލު ދެއްކުމަށްޓަކައި ރާއްޖެ ކުޑަ ގައުމެއް ވިޔަސް، އިޒްރޭލުން މީހުން އެތެރެވުން މަނާކޮށް، އެ ގައުމުގެ އުފެއްދުންތައް އެތެރެކުރުން ވަގުތުން މަނާކުރަންޖެހެ އެވެ.
އެ ގަރާރަށް ބަހުސް ކުރެއްވި ހުރިހާ މެމްބަރުން ވެސް ވަނީ އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ކުށްވެރި ކުރައްވައި، އެ ގަރާރަށް ފުރިހަމަ އަށް ތާއީދުކުރައްވާ ކަން ހާމަކުރައްވައިފަ އެވެ.
 
		 
										
									 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								