ދިވެހިންގެ ހިތްތަކުގައި ދެގޮތެއް ނުވެ އޮތްކަމަކީ އެއް ކަމަކީ ފަލަސްތީނުގެ މިނިވަން ކަމެވެ. ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ވަރުގަދަ ހަމަލާތަކެއްދީ, އެތައް ބަޔަކު ޝަހީދު ކުރަމުންދާއިރު ފަލަސްތީނާއި ރާއްޖެއާ ދެމެދު އޮތް ހާއްސަ ގުޅުމެއް ހަނދާން އާކޮށްލުން ރަނގަޅެވެ. އެއީ ރާއްޖެ އާއި ފަލަސްތީނު ގުޅިގެން ހިންގި މޯލްޑިވްސް އެއާވޭސް އެއާލައިނެވެ.
ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރާއްޖެއިން އިޒްރޭލާ ގުޅުން ބަދަހިކުރުމުން އަރަބި އިސްލާމީ ގައުމުތަކުގެ ނުރުހުން ރާއްޖެއަށް އަމާޒުވެފައި ވަނިކޮށް އެ މޫނުމަތި ބަދަލުކޮށްލެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު ރާއްޖެއިން އިޒްރޭލާ ގުޅުން ކަނޑާލި އެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޕަލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ ބާނީ ޔާސިރު އަރަފާތު 1984 ވަނަ އަހަރު ރާއްޖެ ވަޑައިގަތީ ދިވެހި ސަރުކާރުގެ ދައުވަތަކަށެވެ. މޯލްޑިވްސް އެއާވޭސް އުފެއްދީ އެ ދަތުރުފުޅުގައި ދެ ގައުމުން ކުރި މަޝްވަރާތަކަށްފަހު އެ އަހަރު އެވެ.
މި އެއާލައިން އުފެއްދުމުގެ ބޭނުމަކަށްވީ ފަލަސްތީނުގެ މިނިވަންކަމަށް ކުރާ މަސައްކަތަށް މާލީ އެހީއެއް ރާއްޖެއިން ހޯދުމެވެ. ރާއްޖެ އާއި ޕީއެލްއޯ ހިއްސާވާ ގޮތަށް އުފެއްދި މޯލްޑިވް އެއާވޭސްގައި ހަތަރު މަތިންދާބޯޓު ގެންގުޅުނުއިރު މާލެ އާއި އައްޑު އަތޮޅު ގަމާއި ސްރީލަންކާ އާއި އިންޑިއާގެ ޓްރިވެންޑްރަމާއި މަޑްރާސް އަދި ދުބާއީއަށް މި އެއާލައިން ދަތުރުކުރި އެވެ.
މި އެއާލައިނުން އޭރު ޓޫރިސްޓުން ވެސް ރާއްޖެ އާދެ އެވެ. ނަމަވެސް އުދުހެން ފެށިތާ ދެ އަހަރުވީތަނާ 1986 ވަނަ އަހަރު އެއާލައިން ހުއްޓާލަން ޖެހުނީ މާލީ ދަތިތަކުގެ ސަބަބުން ބަނގުރޫޓްވެގެންނެވެ. މައިގަނޑު ސަބަބަކީ އެ އެއާލައިންގައި ޕީއެލްއޯގެ ހިއްސާ އޮތުމުން ޔޫރަޕުން ކުރިމަތިކުރަން ފެށި ދަތިތަކުގެ ސަބަބުންނެވެ.
އެ ހިސާބުން އެއާލައިންގެ ހުރިހާ ބޯޓުތަކެއް ބޭރުގެ ކުންފުނިތަކަށް ވިއްކާލި އެވެ. ނަމަވެސް ދިވެހި ސަރުކާރާއި ދިވެހިންގެ ހިތްތަކުގައި ފަލަސްތީނާ މެދު އޮތް ލޯތްބަކަށް ބަދަލެއް ނެތެވެ. އިޒްރޭލު ރައްޔިތުންނަށް ޓޫރިސްޓް ވިސާގައި ރާއްޖެ އާދެވުނަސް އިޒްރޭލްގެ އެއްވެސް މުދަލެއް ރާއްޖެއަށް އެތެރެކުރުން އަދިވެސް މަނަލެވެ.
ރާއްޖެ އާއި އިޒްރޭލާ ދެމެދު އޮތް ހާރިޖީ ގުޅުން 1974 ވަނަ އަހަރު ކަނޑާލާފައި ވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިޒްރޭލާ ގުޅުން ބަދަހިކުރަން ކޮންމެވެސް ވަރަކަށް މަސައްކަތް ކުރުމުން ގިނަ ދިވެހިންގެ ނުރުހުން ސަރުކާރަށް އަމާޒުވި އެވެ. އަދި ފަހުން އައި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އެކަން ހުއްޓުވި އެވެ.