ދެ ވަނަ ބުރުގައި ކޯލިޝަން ހެދުމަށްޓަކާ އިތުރު ބަޔަކާ އެކީގައި ކޮންމެހެން ވެސް ބައިވެރިވާންޖެހޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް، އިބްރާހިމް މުހައްމަދު ސާލިހު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ އެމްޑީޕީގެ ކެމްޕެއިން މައި-އިދާރާ ސޯލްޓް ކެފޭ ހިންގާ އިމާރާތުން މިރޭ މެންދަމު ނުކުތް ވަގުތު ހަތާވީސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ހަތާވީހުން ސުވާލު ކުރީ ދެ ވަނަ ބުރުގައި ނަޝީދުގެ ތާއިދު ހޯއްދެވުމަށް މަސައްކަތް ކުރާނެތޯއެވެ. ރައީސް ދެއްވީ އެއަށް ކުރު ޖަވާބެކެވެ.

"އަޅުގަނޑުމެންނަށް ދެން ކޮންމެ ގޮތެއް ވިޔަސް، ބަޔަކާ އެކީގައި ބައިވެރިވާން ޖެހޭނެ. އަޅުގަނޑު ހިތުން ޕީޕީއެމުން ވެސް މަސައްކަތް ކުރާނެ. އަޅުގަނޑުމެން ވެސް ކުރާނެ،" ރައީސް ވިދާޅުވިއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުން ލިބުނީ އުންމީދު ކުރި ނަތީޖާއެއްތޯ ސުވާލު ކުރުން ރައީސް ވިދާޅުވީ "ވިސްނިފައި ނެތް، ބައެއް ކަންތައްތައް ގޮސްފައި"ވާ ކަމަށެވެ.

"...އެއާ ދޭތެރޭގައި މީޓުކޮށްގެން މި ތައްޔާރު ވަނީ."

ދެ ވަނަ ބުރާމެދު ޔަގީންކަން އެބަ އޮތްތޯ ނޫސްވެރިއަކު ސުވާލު ކުރުން ރައީސް ވިދާޅުވީ އެކަމާ ދޭތެރޭގައި ވިސްނާނީ މާދަމާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން ދައްކާ ގޮތުން، ރައީސް ސާލިހާއި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ ދެމެދު 15،000 ވުރެ ގިނަ ވޯޓުގެ ފަރަގު އެބަ އޮތެވެ. އެއީ ހަތް ޕަސެންޓުގެ ފަރަގެކެވެ.

މުއިއްޒަށް ލިބިވަޑައިގެންނެވީ 100,342 ވޯޓެވެ. އެއީ 46.19 ޕަސެންޓެވެ. ރައީސް ސާލިހަށް 84،805 ވޯޓު ލިބިވަޑައިގެންނެވިއެވެ. އެއީ 39.04 ޕަސެންޓް ވޯޓެވެ.