ކޮރަޕްޝަންގެ ތުހުމަތުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ކޯޓުން ވަނީ އިމްރާން ވަގުތުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ. އަންގާރަ ދުވަހު އިސްލާމްއާބާދުގެ ކޯޓު ސަރަހައްދުން އިމްރާން ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް އިމްރާންގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.
އިމްރާން ހައްޔަރުކުރި ފަހުން އެގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 10 މީހުން މަރުވެ 2000 މީހުން ވަނީ ހައްޔަރުކޮށްފައެވެ.
އިމްރާން ހައްޔަރުކުރުމާއެކު ސަޕޯޓަރުންނާ އަސްކަރިއްޔާއާ ދެމެދު ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. އިމްރާން ކޯޓަށް ހާޒިރުކުރީ އިސް ގާޒީއެއްގެ އަމުރަށެވެ.
ކޯޓުގައި އިމްރާން ވަނީ އޭނާ "ވަގަށް ނެގި" ކަމަށް ތުހުމަތުކޮށްފައެވެ. އަދި ފުލުހުން އަނިޔާކުރި ކަމަށް ވެސް ވިދާޅުވިއެވެ. އެ ތުހުމަތަށް ސަލާމަތީ ބާރުތަކުން އަދި ޖަވާބެއް ދީފައެއް ނުވެއެވެ.
އިމްރާންގެ ސިޔާސީ ޕާޓީ، ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އިން ބުނަނީ އިމްރާންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ސިޔާސީ މަގްސަދެއްގައި ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށެވެ.
ޕާކިސްތާނުގައި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޓީއައިގެ އިސް ހަތް ލީޑަރުން ވެސް ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ކުރީގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގުރައިޝީ ވެސް ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުން ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދެއްވި" ކަމަށް ފުލުހުން ބުނެއެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިމްރާން ހުންނެވީ ފުލުހުންގެ ގެސްޓްހައުސްއެއްގަ އެވެ. އޭނާގެ ސަލާމަތާއި ރައްކާތެރިކަމާއި މެދު ކަންބޮޑުވުންފާޅުކޮށް ގެއަށް ބަދަލުކޮށްދިނުމަށް އިމްރާން ވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައެވެ. އެކަމަކު ސުޕްރީމް އެކަމަށް ހުއްދަ ދޭނެ ދުވަހެއް އަދި ނޭނގެއެވެ.
ބުދަ ދުވަހު، އިމްރާން ހުންނެވި ގެސްޓު ހައުސް ވަނީ ވަގުތީ ކޯޓަކަށް ބަދަލުކޮށްފައެވެ. ޝަރީއަތުގެ މަރުހަލާގައި ފަނޑިޔާރަކު ރަސްމީކޮށް އޭނާގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލާފައިވާއިރު، މިއީ އޭނާގެ މައްޗަށް އުފުލާފައިވާ ގިނަ މައްސަލަތަކުގެ ތެރެއިން މިފަދަ ދައުވާތަކެއް އުފުލި ފުރަތަމަ ފަހަރެވެ. އިމްރާން ވަނީ އެ ދައުވާތަކަށް އިންކާރު ކޮށްފައެވެ.
އިމްރާންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ، ކުރިއަށް އޮތް ތަނުގައި އިންތިހާބަށް ކުރިމަތި ނުލެވޭނެއެވެ.
2018 ވަނަ އަހަރުގެ އިންތިހާބުގައި އިމްރާން އަށް އިންތިހާބު ކާމިޔާބު ކުރެވުނީ އަސްކަރިއްޔާގެ އެހީތެރިކަން ލިބުނު ކަމަށް ގިނަ ތަޖުރިބާކާރުން ގަބޫލުކުރެއެވެ. އެކަމަކު ދެ ފަރާތުންވެސް އެކަން ދޮގުކުރެއެވެ.
ދައުރު ހަމަވުމުގެ ކުރިން މަގާމުން ދުރުކުރި ފަހުން އިމްރާން ވެފައިވަނީ އަސްކަރިއްޔާއަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅަށެވެ. އެކަމުގެ ސަބަބުން އަސްކަރިއްޔާގެ މަގުބޫލުކަން ވަނީ ދަށަށް ގޮސްފައެވެ.
2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިމްރާންގެ މުޒާހަރާގެ ހިނގާލުމުގައި އުޅުއްވަނިކޮށް އިމްރާންގެ ފަޔަށް ބަޑީގެ ހަމަލާއެއް އަމާޒުވެިއެވެ. އެ ހަމަލާ ރޭވި އިންޓެލިޖެންސް އޮފިސަރެއް ކަމަށް އިމްރާން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް އަސްކަރިއްޔާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.