ޔޫރަޕްގެ އެކި ކަންކޮޅުތަކުގައި މާފިޔާގެ ގޭންގަކަށް ނިސްބަތްވާ މީހުން ހައްޔަރުކުރަން ފަށައިފިއެވެ. އިޓަލީގެ މާފިޔާ ގޭންގެއް ކަމަށްވާ "އަންދްރަންގެޓާ" އޯގަނައިޒްޑް ކްރައިމް ސިންޑިކޭޓްގެ މެމްބަރުން ހައްޔަރުކުރަން ޔޫރަޕްގެ އެކި ގައުމުތަކުގައި ހިންގަމުންދާ އޮޕަރޭޝަނުގައި މިހާތަނަށް 130 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ހައްޔަރުކުރީ އެ ގޭންގުގެ މީހުންގެ ތެރެއިން ގިނައީ މަނީ ލޯންޑަރިންގެ އާއި ޓެކުހަށް މަކަރު ހެދުމާއި މަކަރާއި ހީލަތް ހެދުމާއި މަސްތުވާތަކެތި ވިއްކުމާއި ހަތިޔާރު ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެވޭ މީހުނެވެ. "މިއަދުގެ އޮޕަރޭޝަނަކީ އިޓަލީގެ އޯގަނައިޒްޑް ކްރައިމްއާ ދެކޮޅަށް މިހާތަނަށް ހިންގި އެންމެ ބޮޑު އޮޕަރޭޝަން،"ޖަރުމަނުގެ ދާހިލީ ވަޒީރު ނެންސީ ފެއިސަރު ވިދާޅުވިއެވެ.

އީޔޫގެ ފުލުހުންގެ އިދާރާ ޔޫރޯޕޯލް އިން ބުނީ ގޭންގު މެމްބަރުންތައް ހައްޔަރުކޮށްފައިވަނީ އިޓަލީ، ޖަރުމަނު، ބެލްޖިއަމް، ޕޯޗުގަލް، ސްޕެއިން، ސްލޮވޭނިއާ، ރުމޭނިއާ، ބްރެޒިލް އަދި ޕެނަމާ ފަދަ ގިނަ ގައުމުތަކުގެ ފުލުހުން ގުޅިގެން ތިން އަހަރު ވަންދެން ހިންގި އޮޕަރޭޝަންގެ ދަށުން ކަމަށެވެ. އެ ގޭންގުތަކުން ދެކުނު އެމެރިކާއިން ޔޫރަޕާއި އޮސްޓްރޭލިއާއަށް މަސްތުވާތަކެތި ގެންނަމުންދާ ކަމަށް އީޔޫގެ ޕޮލިސް އެޖެންސީ ޔޫރޯޕޯލް އިން ބުނެއެވެ.

https://twitter.com/eclipsethis2003/status/1653820598152208401

ތަހުގީގަށް އެނގިފައިވާ ގޮތުގައި ކުށްކުރާ ޖަމާއަތްތަކުން އިކުއެޑޯ، ޕެނަމާ އަދި ބްރެޒިލްގެ ބަނދަރުތައް ބޭނުންކޮށްގެން ކޮލަމްބިއާގެ މަސްތުވާތަކެތި އުތުރު ޔޫރަޕަށް ފޮނުވުމުގެ އިތުރުން ހަތިޔާރުގެ މުއާމަލާތްތައް ވެސް ކުރިއެވެ. ޔޫރަޕަށް އަންނަ ކޮކެއިންގެ ބޮޑުބައި ކޮންޓްރޯލްކޮށް، ސިސިލީގެ ކޯސާ ނޮސްޓްރާ މާފިއާއަށް ވުރެ ކަލާބްރިއާގެ "އެންޑްރަންގެޓާ މާފިއާ" މިހާރު ވަނީ ވަރުގަދަ އަދި މުއްސަނދިވެފައެވެ.

އިޓަލީ އާއި ބެލްޖިއަމްގެ ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެ ގޭންގުން ވަނީ ދެކުނު އެމެރިކާއިން ޔޫރަޕަށް ގާތްގަނޑަކަށް 25 ޓަނުގެ ކޮކެއިން އެތެރެކޮށްފައިވެއެވެ. ކޮންޓެއިނަރު އުޅަނދުތަކުގައި މަސްތުވާތަކެތި ފޮނުވާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެންޓްވާޕް، ރޮޓާޑަމް އަދި ޖިއޯއާ ޓައުރޯގެ ބަނދަރުތަކަށެވެ.

https://twitter.com/Eurojust/status/1653698387999334400

އެ މީހުން މަސްތުވާތަކެތި ވިއްކައިގެން 22 މިލިއަނަށް ވުރެ ގިނަ ޔޫރޯ ހޯދި އިރު، އޭގެ ފަހުން ކެލަބްރިއާ އިން ބެލްޖިއަމް، ނެދަލޭންޑްސް އަދި ދެކުނު އެމެރިކާ އަށް ފޮނުވާފައިވެ އެވެ.

ރެގިއޯ ކަލަބްރިއާ ސިޓީގެ ފުލުހުން ވަނީ އިޓަލީ އާއި އީޔޫގެ އެހެން ގައުމުތަކުން 108 މީހަކު ހައްޔަރުކުރަން އަމުރުކޮށްފައެވެ. ޖަރުމަނުވިލާތުން 24 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ސްޕެއިންގެ މަލަގާއިން އެކަކާއި ބެލްޖިއަމުން 13 މީހަކު ހައްޔަރުކޮށްފައިވާއިރު ޕޯޗުގަލްގެ ފުލުހުން ވަނީ މަނީ ލޯންޑަރިން އާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި 62 އަހަރުގެ އިޓަލީ ފިރިހެނަކު ހައްޔަރުކޮށްފައެވެ. "ޔޫރެކާ" ނަމަކަށް ކިޔާ އޮޕަރޭޝަނެއްގައި އިޓަލީ، ޖަރުމަނު، ޕޯޗުގަލް އަދި ފަރަންސޭސިވިލާތުން ގާތްގަނޑަކަށް 25 މިލިއަން ޔޫރޯގެ މުދާ ފުލުހުން ވަނީ އަތުލައިގެންފައެވެ.

ޖަރުމަނުވިލާތުގެ އެކި ސްޓޭޓްތަކުގެ ގިނަ ގެތަކާއި އޮފީސްތަކާއި ފިހާރަތައް 1000 އަށް ވުރެ ގިނަ ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. އޭގެ ތެރޭގައި ނޯތު ރައިން-ވެސްޓްފެލިއާ، ބަވޭރިއާ، ތުރިންޖިއާ، ސާލޭންޑް އަދި ރައިންލޭންޑް-ޕެލެޓިނޭޓް ހިމެނެއެވެ.

ކޮންމެ ސްޓޭޓެއްގައި ވެސް ފުލުހުންގެ ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ޖަރުމަނު ސަރުކާރާއި އެހެނިހެން ސްޓޭޓްތަކުގެ ހާއްސަ ގްރޫޕްތަކުގެ އިތުރުން ކަސްޓަމްސް އާއި ޓެކްސް ޑިޕާޓްމަންޓްތަކުގެ އޮފިސަރުން ކަމަށް ނިއުސް އެޖެންސީއަކުން ބުނެއެވެ.

https://twitter.com/INTERPOL_HQ/status/1653819601031950337

ބަވޭރިއާގައި 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ކަމާބެހޭ ފަރާތްތަކުން އަންނަނީ އިޓަލީގެ އަންހެނަކާއި ހަތް ފިރިހެނުންނާއި 25 އަހަރާއި 48 އަހަރާ ދެމެދުގެ މީހުންގެ މައްސަލަތަކެއް ބަލަމުންނެވެ. އެމީހުން ދެކޭ ގޮތުގައި މިއުނިކްގެ މި ގްރޫޕުން ކޮކެއިން އެތެރެކުރުމާއި މަނީ ލޯންޑަރިންއަށް ފައިނޭންސް ކުރިއެވެ.

ކޮކެއިން ވިއްކައިގެން ލިބޭ ފައިސާ ބޭނުންކޮށްގެން ޔޫރަޕާއި އެނޫން ވެސް ގައުމުތަކުގައި އެ ޖަމާއަތުގެ ބާރު ގަދަކުރިއެވެ. މިއީ 40 އަށް ވުރެ ގިނަ ގައުމުގައި އޮޕަރޭޓް ކުރާ ޖަމާއަތެއް ކަމަށް ބެލެވެއެވެ.