ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ހޯދުމުގައި އިސްދައުރެއް އަދާކުރި އަލް ނަސްރުގެ ރައީސް އެކުލަބުން އިސްތިއުފާ ދީފިއެވެ.

އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުގައި ޖެހުނު މައްސަލަގަނޑަށްފަހު ކުލަބެއް ނެތި ހުރި ރޮނާލްޑޯގެ ސޮއި ސައުދީގެ އަލް ނަސްރުން ހޯދީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. ދުނިޔޭގެ ޓްރާންސްފާގެ ރެކޯޑު އަގަކަށް ރޮނާލްޑޯ އެކުލަބަށް ގެންދިޔައީ ބޮޑެތި ޓާގެޓުތަކެއް އޮވެގެންނެވެ.

އެގޮތުން ސައުދީގެ ލީގާއި، އިތުރު ކަޕުތައް ކާމިޔާބުކުރުމާ އެކު، ސައުދީ ލީގު ޕްރޮމޯޓްކޮށް، 2030 ވަނަ އަހަރުގެ ވޯލްޑްކަޕް އެ ގައުމުގައި ބޭއްވުމަށް ކުރާ ބިޑަށް މާކެޓް ކުރުމުގެ ގޮތުންނެވެ. އެއާއެކު ރޮނާލްޑޯއަށް ދެ އަހަރުގެ ތެރޭގައި 400 މިލިއަން ޑޮލަރުގެ މުސާރައެއް ލިބޭ އެއްބަސްވުމެއް ވަނީ ދީފައެވެ.

ނަމަވެސް ރޮނާލްޑޯގެ ޓްރާންސްފާއާއެކު ލީގުގެ އެއް ވަނާގައި އޮތް އަލް ނަސްރު މިހާރު އޮތީ ތާވަލުގެ ދެ ވަނާގައެވެ. އަދި އެހެންމެ ސައުދީގެ އެންމެ ހާއްސަ މުބާރާތް ކަމަށްވާ ކިންގްސް ކަޕް އޮފް ޗެމްޕިއަންގެ ސެމީ ފައިނަލުން ވަނީ އެކުލަބު ކަޓައިފައެވެ.

އަލް ނަސްރުގެ މި ނާކާމިޔާބީއާ އެކު އެ ކުލަބުގެ ރައީސަކަށް ހުރި މުސައްލީ އަލް މުއައްމާ މިހާރު ވަނީ އެ މަގާމުން އިސްތިއުފާ ދީފައެވެ. ސައުދީގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މުސައްލީ އަލް މުއައްމާ އިސްތިއުފާ ދިނީ ރޮނާލްޑޯ ގެންނަން ކުރި ޙަރަދާ އެއްވަރަށް އެ ކުލަބަށް ރަނގަޅު ކުޅުމެއް ނުދެއްކުމުންނެވެ.

އަލް ނަސްރުގެ ކޯޗަކަށް ކުރިން ހުރި ރުޑީ ގާސިއާ ވެސް މިފަހުން ވަނީ މަގާމުން ވަކިކޮށްފައެވެ. ސައުދީގެ ރިޕޯޓްތަކުން ބުނާ ގޮތުގައި ކުރިން އިޓަލީގެ ރޯމާއަށް ކޯޗުކަންކޮށްދިން ގާސިއާ އަލް ނަސްރުގެ ކޯޗުކަމުން ވަކިކުރީ ރޮނާލްޑޯ ހިތްހަަމަ ނުޖެހުން އޮތުމުންނެވެ.