މައްސަލަ ބޮޑުވެފައިވާ ދެކުނު ޗައިނާ ކަނޑުގައި، އެކްސްޓެންޑެޑް ކޮންޓިނެންޓަލް ޝެލްފްގެ މިލްކުވެރިކަމުގެ މައްސަލައެއް ފިލިޕީންސްއިން އދ އަށް ހުށަހަޅައިފިއެވެ.

ހަފްތާ ބަންދުގައި މި މައްސަލަ އދ އަށް ހުށަހަޅަމުން ފިލިޕީންސްއިން ބުނީ އެކްސްޓެންޑެޑް ކޮންޓިނެންޓަލް ޝެލްފްގައި ޤުދުރަތީ ވަސީލަތްތައް ހުރިތޯ ބަލައި، އޭގެ ބޭނުންކުރުމަށް ފިލިޕީންސްއިން ނިންމި ނިންމުމަކީ އެ ގައުމުގެ ކުރިމަގަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ.

ފިލިޕީންސްއިން ހުށަހަޅާފައިވަނީ އެ ގައުމުގެ ޕަލަވާން ޖަޒީރާތަކުން ފެށިގެން، ދެކުނު ޗައިނާ ކަނޑާ ދިމާލަށް ކޮންޓިނެންޓަލް ޝެލްފްގެ އެކްސްޓެންޝަން ހައްގު ހޯދުމަށެވެ. މި މައްސަލަ އދއަށް ހުށަހަޅާފައި ވަނީ ހުޅަނގު ފިލިޕީންސް ކަނޑުގެ ކޮންޓިނެންޓަލް ޝެލްފްގެ ފަންނީ އަދި ސައިންޓިފިކް ދިރާސާތަކެއް ކުރުމަށްފަހު، ފިލިޕީންސްގެ ރައީސްގެ ފާޑިނަންޑް މާކޯސް ޖޫނިއަރގެ ހުއްދައާއެކުއެވެ.

ހުޅަނގު ފިލިޕީންސް ކަނޑައަކީ ދެކުނު ޗައިނާ ކަނޑުގައި ފިލިޕީންސްގެ ބާރު ހިނގާ 200 ނޯޓިކަލް މޭލު އެކްސްލޫސިވް އިކޮނޮމިކް ޒޯން ސަރަހައްދެވެ. ފިލިޕީންސް އިން ބުނީ ބައިނަލްއަޤްވާމީ ކަނޑުގެ މުޢާހަދާ (ޔޫ.އެން ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ) ގެ ދަށުން އެގައުމުގެ އައްސޭރިފަށުން ފެށިގެން 350 މޭލާއި ހިސާބަށް ހިމެނޭ ސަރަހައްދުގެ ކަނޑުގެ އަޑީގައިވާ ބިމާއި އެ ބިމުން ލިބޭ ނަފާގެ ހައްގު ފިލިޕީންސްއަށް ލިބިގެންވާ ކަމަށެވެ.

ޗައިނާ އިން ދަނީ މުޅި ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާމެދު ދައުވާކުރަމުންނެވެ. އަދި ދެކުނު ޗައިނާ ކަނޑުގައިވާ ބައެއް ޖަޒީރާތަކަށް ވެރިވެ، ތިލަ ސަރަހައްދުތަކެއް ހިއްކައިގެން ރަށްތަކެއްވެސް ހަދާފައިވެއެވެ. މި ސަރަހައްދުގެ އެކި ހިސާބުތަކަށް ފިލިޕީންސް، ބްރޫނާއީ، މެލޭޝިއާ، ޓައިވާން އަދި ވިއެޓްނާމުންވެސް ދައުވާކުރެއެވެ.

ދެހާސްސޯޅަ ވަނަ އަހަރު އދގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނުން ވަނީ ދެކުނު ޗައިނާގެ މިލްކުވެރިކަމާމެދު ޗައިނާއިން ކުރާ ދައުވާގައި އަސްލެއް ނެތްކަމަށް ނިންމާފައެވެ. ނަމަވެސް ޗައިނާ އިން ދަނީ އެ ސަރަހައްދަށް އަތްގަދަކުރަމުންނެވެ. އެގޮތުން ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދާއި، އެހެން ގައުމުތަކުން މިލްކުވެރިކަމަށް ދައުވާކުރާ ސަރަހައްދުތަކުގައި ވެސް އެ ގައުމުތަކުގެ މަސްވެރިންނާއި ދަތުރުވެރިންނަށް ޗައިނާގެ ކޯސްޓްގާޑާއި ކަނޑުގެ ސިފައިންގެ ގޯނާތައް ލިބެމުންދާތާ އަހަރުތަކެއް ވަނީ ވެފައެވެ.

މި ސަރަހައްދަކީ ގުދުރަތީ ވަސީލަތްތަކާއި ކަނޑުގެ ދިރުންތަކުގެ މުއްސަނދިކަން ލިބިފައިވާ ސަރަހައްދެއްކަމަށް ބެލެވެއެވެ. އަދި ދެކުނު ޗައިނާ ކަނޑުތެރެއިން އަހަރަކު އެތައް ޓްރިލިއަން ޑޮލަރެއްގެ މުދާ ދަތުރުކުރެއެވެ. މިއަދު ހެނދުނު ވެސް ދެކުނު ޗައިނާ ކަނޑުގައި އޮންނަ ސެކަންޑް ތޯމަސް ޝޯލްގައި ފިލިޕީންސްގެ ސަޕްލައި އުޅަނދަކާއި ޗައިނާގެ އުޅަނދެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވެއެވެ.

ދެ ގައުމުން ވެސް ވަނީ އަނެއް ގައުމު ގޯސްކޮށް ބަޔާން ނެރެފައެވެ. ފިލިޕީންސްއިން އދއަށް ހުށަހެޅި މައްސަލަ އާއި ގުޅޭ ގޮތުން ޗައިނާއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.