ކުދި ވިޔަފާރިތައް ތަރައްގީ ކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، ވިޔަފާރިއާއި ގުޅުންހުރި އެކި ދާއިރާތަކުން ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އާއި ވިލާ ކޮލެޖުން ސޮއިކޮށްފިއެވެ.

ވިލާކޮލެޖުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާއެއްގައި އެ އެއްބަސްވުމުގައި ބީސީސިގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސާމިހް އާދަމެވެ. އަދި ވިލާ ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ، ވައިސް ރެކްޓާ ޑރ. އަލީ ނަޖީބެވެ.

ބީސީސީން މައުލޫމާތު ދޭ ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ދެފަރާތުން ވެސް އެކި ދާއިރާތަކުން އެއްބާރުލުން ދޭނެއެވެ. އޭގެތެރޭގައި ދަރިވަރުންނަށް ވިޔަފާރިޔާ ގުޅުންހުރި ހުނަރުތައް ދަސްކޮށްދިނުމާއި، ބީސީސީން ފަންނީ ގޮތުން ވިޔަފާރިތަކަށް ފޮރުކޮށްދޭ އެކި ހިދުމަތްތަކުގައި ވިލާކޮލެޖުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބީސީސީން ގާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތައް ފުރިހަމަ ކުރުމުގައްޔާއި ވިޔަފާރިއާ ގުޅުންހުރި ބައެއް ރިސާޗުތައް ހެދުމުގައިވެސް ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސް ވެފައެވެ.

މީގެ އިތުރުން މުޖުތަމައުގައި ޙަރަކާތްތެރިވާ އެކި ފަރާތްތަކާއި ގުޅިގެން ހޭލުންތެރިކަމުގެ އެކި ޕްރޮގްރާމްތަކާއި އިޖުތިމާއީ އަދި އިގްތިސޯދީ ތަރައްގީއާ ގުޅުންހުރި އެކި ކަންކަމުގައި ބޭނުންމާ މައުލޫމާތު އެއްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ކިޔަވާ ދަރިވަރުން ބޭނުންވާ އެކި މައުލޫމާތު އެއްކުރުމުގައި ދެ މުއައްސަސާގެ ތަޖުރިބާއާއި ވަސީލަތްތައް ހިއްސާކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ބީސީސީން ބުނީ އެ އެއްބަސްވުމަކީ ކުދި ވިޔަފާރިތައް ތަރައްގީކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީސީސީން ކުރަމުންދާ މަސައްކަތައް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށެވެ. އަދި އެއީ ހުރިހާ ފަރާތެއް ޝާމިލްވާ ވިޔަފާރީގެ މާހައުލެއް ގާއިމް ކުރުމަށް ބީސީސީން ކުރަމުންދާ މަސައްކަތް އިތުރަށް ފުރިހަމަވުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.