"އެމްޕަޔާއެއް ކަހަލަ ވިރާސީ ރަސްކަމެއްގެ ސިފައަކަށް ދައުލަތުގެ އެއިރަކު ވެރިކަމުގައި ތިބޭ ބައެއް ނުވަތަ ޖަމާއަތެއް ބަދަލުވެގެން މި ދަނީ. އާދަޔާ ހިލާފަށް ބާރުގަދަ އަދި އާދަޔާ ހިލާފަށް ވަސީލަތްތައް ގިނަ އަދި އެ ބަޔަކާ ނުގުޅޭ ބަޔަކު އާދަޔާ ހިލާފަށް ނިކަމެތިކޮށްލެވޭ..." ސަރުކާރުން މަޖިލިސް އިންތިހާބުގައި ހޯދި ސުޕަ މެޖޯރިޓީއަށް އިޝާރާތްކޮށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވިއެވެ.

ސަރުކާރު ހިންގާ ޕާޓީއަށް ލިބުނު ބާރާއި ސަރުކާރުގެ ވަސީލަތްތައް ސިޔާސީ ބާރުވެރިކަން ހޯދަން ބޭނުންކުރާތީ އެކަމަށް އިޝާރާތްކޮށް، ވައްޑެ ވިދާޅުވީ "އެހާ ބޮޑު އެއްޗަކާ" ދެކޮޅަށް ސިޔާސީ ޕާޓީތަކުން ވާދަކުރުމަށް "އެއްވާން" ޖެހޭނެ ކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގައި އުފެދުނު ހިޔާލުތަފާތުވުމުގައި އެ ޕާޓީން ވަކިވެ، އުފެއްދި ޑިމޮކްރެޓްސް އާއި އެމްޑީޕީ ގުޅިގެން ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރާނެ ކަމުގެ އިޝާރާތެއް ވެސް ވައްޑެ ދެއްވިއެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރާއްޖޭގައި އަނެއްކާވެސް ކައިރި މުސްތަގުބަލެއްގައި ގިނަ ޕާޓީތަކެއް، ގިނަ ސިޔާސީ ލީޑަރުން އެކުވެގެން ސަރުކާރާ ދެކޮޅަށް ސިޔާސީ ހަރަކާތްތައް އުފަންވެގެންދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އޭގެ ތެރޭގައި އަޅުގަނޑަށް ހީވަނީ އެމްޑީޕީ އާއި އަޅުގަނޑުމެންނާ [ޑިމޮކްރެޓްސް] ތިބެވޭނީ ހަމަ ވަރަށް އެކުއެކީގައިހެން އަޅުގަނޑަށް ހީވަނީ،" ގިނަ ދުވަސްތަކަކަށްފަހު، ރާއްޖެޓީވީގެ ޕްރޮގްްރާމެއްގައި ވާހަކަ ދައްކަވަމުން ވައްޑެ ރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަޒީފާ އާއި ފައިސާ އާއި ދައުލަތުގެ ވަސީލަތްތަކާ ދިމާލަށް ރައްޔިތުން ގެންދާ ނިޒާމަށް މިހާރު ބަދަލުވަމުންދާ ކަމަށާއި އެއީ ފެހި ގާނޫނުއަސާސީ ވުޖޫދުކުރި މަގުސަދު ނޫން ކަމަށެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ދައުލަތުގެ ތިން ބާރު އޮތީ ސަރުކާރުގެ އަތްދަށުގައެވެ. މަޖިލީހުގެ ވަކި އަދަދެއްގެ މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރުންނެވެ. ޝަރުއީ ދާއިރާގެ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ. އެ ހުރިހާ އުސޫލެއް އުވާލީ 2008 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނު އަސާސީންނެވެ.

ނަމަވެސް ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިތާ އެތައް ޒަމާނެއް ވީއިރު ވެސް ނިޒާމު ހިނގާ ގޮތެއް ބަދަލެއް ނުވި ކަމަށް ވައްޑެ ވިދާޅުވިއެވެ.

ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއް ގާނޫނު އަސާސީގައި ބަޔާންވެފައި އޮތެއް ކަމަކު މަޖިލީހަކީ ސަރުކާރުގެ ދަށުގައި އޮންނަ ތަނެއް ފަދައެވެ. މަޖިލީހުގެ ސަރުކާރުގެ ކޮންޓްރޯލް ބޭއްވުމަށްޓަކައި ކޮންމެ ސަރުކާރަކުން ވެސް އެތައް ހޭދައެއް ކޮންމެ އިންތިހާބެއްގައި ކުރެއެވެ.

ރިޔާސީ ނިޒާމެއްގައި މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮންނަ ބާރު ކަމަށް ވީ ނަމަވެސް ކަންކަން ހިނގަނީ އެއާ ދިމާ އިދިކޮޅަށެވެ. މަޖިލީހުގައި ސަރުކާރުގެ ކޮންޓްރޯލް ހޯދުމަށްޓަކައި އިންތިހާބުތަކާ ދިމާކޮށް ބޮޑެތި މަޝްރޫއުތައް އިއުލާން ކުރުމާއި ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުން އެތައް ހާސް ވަޒީފާއެއް އުފައްދައި, އެތައް މިލިއަން ރުފިޔާއެއް މަޖިލިސް އިންތިހާބަށް ސަރުކާރުތަކުން ހޭދަ ކުރެ އެވެ. ނަމަވެސް އޭގެ އަނެއްކޮޅުގައި ތިބޭ އިދިކޮޅު ކެންޑިޑޭޓުންނަށް މި ފުރުސަތުތަކެއް ނޯވެ އެވެ.

އެހެންކަމުން މަޖިލިސް އިންތިހާބެއްގައި އިދިކޮޅު ކެންޑިޑޭޓުން ކުރިމަތިލާން ޖެހޭ އެންމެ ބޮޑު ގޮންޖެހުމަކީ އެއީ އެވެ. އެއްކޮޅުގައި ބާރުގަދަ ވަސީލަތްތަކާ އެކު ސަރުކާރެއް އޮތުމުން އިދިކޮޅު ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތެއް ނުލިބެ އެވެ. އިންތިހާބުތަކުގައި ތާއީދު ހޯދުމާއި ކެމްޕެއިން ކުރުމަށް ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތައް ލިބެންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި އޮވެ އެވެ. އަދި އިންތިހާބުތަކުގައި އެންމެ ގިނަވެގެން ހަރަދު ކުރެވޭނެ ފައިސާގެ އަދަދު ވެސް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ތަންފީޒު ނުވެއެވެ.

އެހެންކަމުން ބާރާއި ވަސީލަތްތައް ހުރި ސަރުކާރުތަކުން އިންތިހާބުތަކާ ދިމާކޮށް ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓަކަށް ތާއީދު ހޯދަން ދޭ އިނާޔަތްތައް ހުއްޓުވޭކަށް ނެތެވެ. އެކަމާ ދެކޮޅަށް އެކިފަހަރު މަތިން އިދިކޮޅު ޕާޓީތަކުން ވަކާލާތު ކުރި ނަމަވެސް އެކަމަށް އަމަލީ ސިފައެއް ގެންނަން މަސައްކަތްކުރި އެއްވެސް ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތެވެ.

ވައްޑެ ވިދާޅުވީ ސަރުކާރުގެ ކެންޑިޑޭޓުންނާ ވާދަކުރުމަކީ މިހާރު ކަންކަން ހިނގާ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. "ދުވުމުގެ މުބާރާތެއްގައި ވެސް އެއްވަރަކަށް އެއް ލައިނެއްގައި ތިބެފަ އަޅުގަނޑުމެން ދުވަން ފަށަން މިޖެހެނީ. އެކަމަކު ރާއްޖޭގެ އިންތިހާބީ ރޭހުގައި ސަރުކާރުގެ ކެންޑިޑޭޓް ކަމަށް ބުނާ ކެންޑިޑޭޓް އަތު ނުވާ ހިސާބު ކުރީގައި ހުރެގެންނޭ މި ފަށްޓަނީ ވެސް ކެމްޕެއިން. އެހެންވީމަ މިހާރު އާދައިގެ މީހަކަށް މިހާރު މި ބައްޓަންވަމުންދާ ނިޒާމުގެ ތެރޭގައި ދައުލަތުގެ ހުރިހާ ވަސީލަތްތައް ކިހިލި ޖަހާލައިގެން ނިކުންނަ ކެންޑިޑޭޓަކާ ވާދަ ކުރުމަކީ ކެރި ކުޅަދާނަ ވާނެ ކަމެއް ނޫން." މަޖިލިސް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެފައިވާ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ވައްޑެ ވިދާޅުވި އެވެ.

ވައްޑެ ވިދާޅުވި ގޮތުގައި ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއްގައި އިންތިހާބުތަކުގައި އޮންނަން ޖެހެނީ އެއް ބަޔަކަށް ވުރެ މޮޅެތި ސިޔާސަތުތައް އަނެއް ބަޔަކު ގެނެސްދީގެން ތާއީދު ހޯދަންޖެހޭ ގޮތަށެވެ.

ނަމަވެސް ވަޒީފާ އާއި ފައިސާ އާއި ދައުލަތުގެ ވަސީލަތްތަކާ ދިމާލަށް ރައްޔިތުން ގެންދާ ނިޒާމަށް މިހާރު ބަދަލުވަމުންދާތީ އެކާމެދު ސިޔާސީ ފަރާތްތަކުން ވިސްނައި, ހައްލެއް ހޯދަން މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ހެޔޮ ލަފާ ވެރިކަމެއް އޮތުމަށް އަދި ހަމަޖެހުމާއި ސުލްހަވެރިކަމާއި ތަރައްގީ އޮތުމަށް ބޭނުންވާ މީހުން މިހާރު އެބަޖެހޭ ހެން އަޅުގަނޑަށް ހީވަނީ މި މަޝްވަރާ ހިންގަން. ރާއްޖޭގައި މިހާރު މި އޮތް ނިޒާމު މި އޮތްގޮތަށް ބާއްވައިގެން އަޅުގަނޑުމެން ތިބޭނީތޯ. ނުވަތަ ރާއްޖޭގައި މިހާރު މި އޮތް އެތުރުންގަނޑު މިހާރު މި އޮތްގޮތަށް ބާއްވައިގެން ހަމަ ތިބޭނީތޯ. އަޅުގަނޑުމެންނަށް އެބަ އެނގޭ ކޮންމެ ފަސް އަހަރަކުން ރައްޔިތުންނަށް ހަގީގަތުގައި ބަހެއް ބުނަން މި ލިބެނީ." ވައްޑެ ވިދާޅުވި އެވެ.

ތިން ބާރު ވަކިވެފައިވާ ނިޒާމެއް ރާއްޖެއަށް ގެނައީ އެއް ބޭނުމަކީ ސަރުކާރުތަކުގެ ކަންކަމަށް ފާރަވެރިވެވޭނެ ނިޒާމެއް ގެނައުމަށެވެ. ނަމަވެސް ސަރުކާރުތަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށްޓަކައި ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ހަމައެއް ނެތި ބޭނުން ކުރެވޭ ނަމަ ބާރުތައް ވަކިވެފައިވާ ނިޒާމެއް އޮތުމުގެ ހަގީގީ ބޭނުމެއް ނެތެވެ. ރާއްޖޭގެ އިންތިހާބުތަކުގެ ކަންކަން މިހާރު ހިނގަމުންދާ ގޮތަކީ ވިސްނާލަންޖެހޭ ގައުމީ މުހިންމު މައްސަލަ އެކެވެ.