ސަން ޓްރެވަލްސާއި ބޭރުގެ ހިލްޓަން ކުންފުންޏާ ދެމެދު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި އާބިޓްރޭޝަންގެ އެންގުމާ އެއްގޮތަށް ހިލްޓަނުން ފައިސާ ހޯދަން މަސައްކަތް ކުރާތާ 10 އަހަރު ފަހުން ސަން އިން 31 މިލިއަން ޑޮލަރު ހިލްޓަނަށް ދައްކައިފި އެވެ.
އެމްޑީއޭގެ ލީޑަރު އަދި މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަސު ސިޔާމް މުހައްމަދުގެ ސަން ކުންފުނިން އިރުފުށި ހިންގުމުގެ މެނޭޖްމަންޓް އެއްބަސްވުން 2013 ވަނަ އަހަރު ބާތިލްކުރި މައްސަލާގައި ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން 2015 ވަނަ އަހަރު ސަން ކުންފުނީގެ މައްޗަށް އަމުރުކޮށްފަ އެވެ.
ނަމަވެސް ސަން ޓްރެވަލްސްއިން އެ ފައިސާ ނުދައްކާތީ ހިލްޓަނުން ރާއްޖޭގެ ކޯޓުތަކުގައި އެ ނިންމުން ތަންފީޒުކުރަން މަސައްކަތްކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. އެ މައްސަލަތަކާ ގުޅިގެން ސިޔާމްގެ ޕާސްޕޯޓް ވެސް ކުރިން ރާއްޖޭގައި ހިފެހެއްޓި އެވެ.
ސަން ޓްރެވަލްސްއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އާބިޓްރަލް އެވޯޑާއި އިންޓްރެސްޓް ހިމެނޭ ގޮތަށް 31 މިލިއަން ޑޮލަރު އެ ކުންފުނިން ހިލްޓަނަށް ދައްކާފައިވާ ކަމަށެވެ. ގާނޫނީ ހަރަދާއި ގޮތުގައި އެ ކުންފުނިން 5.6 މިލިއަން ޑޮލަރު ހޭދަކުރަން ޖެހުނު ކަމަށް އެ ބަޔާނުގައިވެ އެވެ.
ސަން ޓްރެވަލްސްގެ ބަޔާނުގައިވާ ގޮތުން ހިލްޓަނާ އެކު ހެދި އެއްބަސްވުން ބާތިލްކުރަން ޖެހުނީ އިރުފުށި ރިސޯޓް ހިންގައިގެން ލިބޭނެ ކަމަށް ހިލްޓަން ކުންފުނިން ބުނެފައިވާ އާމްދަނީ ނުލިބި، ހިލްޓަންގެ ބެލުމުގެ ދަށުން ހަރަދު ބޮޑުކޮށް ރިސޯޓް ހިންގަން ޖެހުމުންނެވެ.
ސަން ޓްރެވަލްސް އިން ބުނިގޮތުގައި ހިލްޓަނުން ލަފާކުރި އާމްދަނީ ނުލިބުމުން ސަން ކުންފުނިން ދައުލަތުގެ އިދާރާތަކަށް ފައިސާ ދެއްކީ ވެސް ސަންއާ ގުޅުން ހުރި އެހެން ކުންފުނިތަކުގެ އެހީތެރިކަމާ އެކު އެވެ. އޭގެ ސަބަބުން ކުންފުނީގެ ލޯނުތައް ރީޝެޑިއުލް ކުރުން ފަދަ ފިޔަވަޅުތައް އަޅަން ޖެހުނުއިރު ވެސް ސަންގެ ފައިސާ އިން ހިލްޓަނުން ރިސޯޓް ހިންގަމުން ދިޔައީ އިސްރާފު ބޮޑުވާ ގޮތަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ ހިލްޓަންގެ އަމަލުތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަން ކުންފުނިން އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހިލްޓަނަށް ފައިސާ ނުދިން މައްސަލާގައި އެ ކުންފުނިން ރާއްޖޭގެ ކޯޓުތަކަށް ގިނަ މައްސަލަތަކެއް ހުށަހެޅި އެވެ. މިދިޔަ ސަރުކާރުގައި ސިޔާމްގެ ޕާސްޕޯޓް ސިންގަޕޫރުން ވެސް ހިފެހެއްޓި އެވެ. ނަމަވެސް ދިވެހި ސަރުކާރުން އޭގެ ތެރެއަށް ވަނުމުން ޕާސްޕޯޓް ފަހުން ދޫކުރި އެވެ.