ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތަކަށް މެމްބަރުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި އެ ބިލުގައި ކުރިން އޮތީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށެވެ. ނަމަވެސް މިއަދު ފާސްކުރި ބިލުގައިވާ ގޮތުން އަމިއްލައަށް ޕާޓީން ވަކިވާ ހާލަތުގައި ނުވަތަ އެހެން ޕާޓީއަކާ ގުޅޭ ހާލަތުގައި ޖެހޭނީ އިސްތިއުފާ ދޭށެވެ.

އިސްތިއުފާ ނުދީފިނަމަ ދެން ވާނެ ގޮތެއް އެ ބިލުގައި ނެތެވެ.

މެންބަރަކު ޕާޓީއަކުން ވަކިކޮށްފި ނަމަ ހަތް ދުވަސް ތެރޭގައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު މެމްބަރަކަށް ދޭން ވެސް ވަނީ ހިމަނައިފަ އެވެ.

މެމްބަރުން ވަކިކުރަން ރީކޯލް ވޯޓު ނަގާ ގޮތަށް ބިލު ހުށަހެޅިއިރު އޮތް މާއްދާ ވެސް ކޮމެޓީ މަރުހަލާގައި ބިލުން ވަނީ އުނިކޮށްފަ އެވެ. ކޮމިޓީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ބާބު އުނިކޮށްފައިވަނީ ބިލުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ މަގްސަދުތައް ރީކޯލް ވޯޓު ނުނަގައި ހާސިލުކުރެވޭނެ ގޮތަށް ބިލުގެ އެހެން މާއްދާތައް އިސްލާހުކޮށްފައިވާތީ އެވެ.

މި ބިލު ކުރިން ހުށަހެޅީ ހަމައެކަނި މަޖިލިސް މެންބަރުންގެ މައްޗަށް ހިނގާ ގޮތަށް ކަމަށް ވި ނަމަވެސް ބިލް ފާސްކުރީ ލޯކަލް ކައުންސިލްތަކުގެ މެމްބަރުންގެ މައްޗަށް ވެސް އެ އުސޫލު ހިނގާ ގޮތަށެވެ.

މި އިސްލާހުތަކާ އެކު މަޖިލީހުން ބިލު ފާސްކުރީ 33 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ސަރުކާރަށް ތާއީދުކުރާ ހަ މެންބަރަކު ވޯޓު ދެއްވި އެވެ.

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންމެ ފުރަތަމަ އެންޓި ޑިފެކްޝަން ބިލެއް ހުށަހަޅައި ގާނޫނެއް އެކުލަވާލީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގަ އެވެ. ނަމަވެސް އޭރު އޮތް ސަރުކާރު ބަދަލުވުމާއެކު އެމްޑީޕީން ވަނީ އެ ގާނޫނު އުވާލައިފަ އެވެ.