ދިވެހިރާއްޖޭގައި ފަންނުވެރި އިގްތިސޯދެއް ބިނާކުރުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަސައްކަތުގެ ދަށުން ބީސީސީން އިމާރާތްކުރާ "ކްރިއޭޓާ ހަބް" އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ރޭ ސަލްޓަން ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެ އިމާރާތުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކަން ބީސީސީން ވަނީ ފާހަގަކޮށްފައެވެ.

"ކްރިއޭޓާ ހަބް"ގެ މަސައްކަތް ފައްޓަވައި ދެއްވުމަށްފަހު އިކޮނޮމިކް މިނިސްޓަރު ސައީދު ދެއްކެވި ވާހަކަފުޅުގައި ވަނީ، އެ އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިންމުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ދިވެހިރާއްޖޭގައި ފަންނުވެރި އިގްތިސޯދެއް ބިނާކުރުމަކީ ރައީސް މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ މަސައްކަތްޕުޅެއްކަން ފާހަގަ ކުރައްވައި ސައީދު ވަނީ އެ އިމާރާތުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ވެސް ފާހަގަ ކުރައްވާފައެވެ.

ސައީދު ވަނީ އެ ހަބުގައި، ފަންނުވެރިންނަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ލިބެން ހުންނާނެކަން ވެސް ފާހަގަކުރައްވާފައެވެ.

ޗާންދަނީ މަގު ޕްލޮޓް ނަންބަރު 23ގައި ގާއިމްކުރާ އެ ހަބް އިމާރާތް ކުރުމަށް ހަވާލު ކޮށްފައި ވަނީ ފެޑޯ ކުންފުންޏާއެވެ. އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން 400 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ބީސީސީން ބުނީ 1500އަކަފޫޓުގެ ޖާގައެއްގައި ގާއިމް ކުރުމަށް ނިންމާފައިވާ ކްރިއޭޓާ ހަބް ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ.

"ކްރިއޭޓާ ހަބް" އަކީ ދިވެހިރާއްޖޭގައި ފަންނުވެރި އިގްތިސޯދެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެގާރަ ފަންގިފިލާއަށް އިމާރާތްކުރާ، ކްރިއޭޓާ ހަބް ވެގެން ދާނީ ފަންނުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މަސައްކަތު ޖާގަތަކާއި ފަންނުވެރި މަސައްކަތްތައް ކުރިއެރުވުމަށް ބޭނުންވާ ގިނަ ވަސީލަތްތައް ފަހިވެގެންދާނެ ތަނަކަށް ކަމަށް ބީސީސީން ބުނެއެވެ.

"ކްރިއޭޓާ ހަބް"ގައި ގާއިމްކުރެވޭ ވަސީލަތްތަކަކީ ފަންނުވެރި ސިނާއަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާނެ އަދި މުހިންމު ވަސީލަތްތަކެއްކަން ކަށަވަރު ކުރުމަށްޓަކައި ބީސީސީން ދަނީ އެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ތަފާތު ފޯރަމްތައްވެސް ބާއްވަމުންނެވެ.