ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓުގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ތެރޭގައި ހިމެނެނީ 824 މީހުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމެޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދާއިމީ ފްލެޓު ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވަނީ 20 ޕަސެންޓު މީހުން ކަމަށެވެ. ފްލެޓަށް އެދި ކުރިމަތިލާން ހުޅުވާލީ ވަކި ޕޯޓަލް އެއް މެދުވެރިކޮށެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ މިވަގުތު އެ ޕޯޓަލްގެ އެކްސެސް އޮތީ ހަމައެކަނި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އަތުގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ހައުސިން މިނިސްޓްރީ އަށް ދެތިން ދުވަހެއްގެ ތެރޭގައި ލިބޭނެ ކަމަށެވެ. އަދި ފްލެޓަށް ޝަރުތު ހަމަވާ ކަމަށް އޭސީސީން ކަނޑައެޅި މީހުންގެ މައުލޫމާތު ވެރިފައި ކުރުމަށްފަހު އަންނަ ހަފްތާގައި ފްލެޓުތައް ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ވަނީ އެ ސަރުކާރު ނިމުމުގެ އެއް ދުވަސް ކުރިން ފްލެޓުގެ ދާއިމީ ލިސްޓު އާއްމުކޮށްފައެވެ. ނަމަވެސް އެކަން އޭސީސީން ހުއްޓުވިއެވެ. އަދި ފްލެޓު މައްސަލައިގެ ތަހުގީގެއް ފެށިއެވެ.

ތަހުގީގު ނިންމާ އޭސީސީން ބުނީ ފްލެޓުތައް ލިބިފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓު މީހުންނަކީ ޝަރުތު ހަމަ ނުވާ ފަރާތްތައް ކަމަށެވެ.

އެ ކޮމިޝަނުން ފްލެޓުތަކާއި ގުޅޭ ގޮތުން ކުރިޔަށް ގެންދިޔަ ތަހުގީގުގައި 4،048 ފޯމެއް ބަލާފައިވާ ކަމަށާއި އެ ފޯމުތަކުގެ ތެރެއިން 59.6 ޕަސެންޓް ފޯމުގެ ޝަރުތު ހަމަނުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެ ކޮމިޝަނުން ބެލި ފޯމުތަކުގެ ތެރެއިން 20 ޕަސެންޓު ފޯމުގައި މައްސަލައެއް ނެތް ކަމަށާއި އެފަރާތްތައް ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.