ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އޭނަގެ ދަށުން މަސައްކަތް ކުރާ ފަރާތްތައް ތަކުރާރުކޮށް ފެއިލް ވެއްޖެ ކަމަށް ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އަދި ގައުމީ ޓީމުގެ މެނޭޖަރުކަން ވެސް ކުރި ސޮބާހް މުހައްމަދު (ސޮބާ) ބުނެފިއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ފެންވަރު ދަށްވެ، ފުޓްބޯޅައަށް ދިވެހިން ކުރާ އުންމީދު ފަނޑުވަމުންދާތީ، ދިވެހި ފުޓްބޯޅަ އަލުން ކޮޅަށް ޖެހުމަށް ހިންގާ ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސޮބާ ބުނީ އެފްއޭއެމްގެ ލީޑާޝިޕަށް ދިވެހި ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. ކުރިން އެފްއޭއެމްގައި ވެސް މަސައްކަތް ކުރި ސޮބާގެ ފާޑުކިޔުން އެފްއޭއެމްގެ ލީޑާޝިޕަށް އަމާޒުކުރި އިރު، މީގެ ކުރިން އޭނާ ވަނީ ސާފް ޗެމްޕިއަންޝިޕުގެ މެޗެެއްގެ ކޮމެންޓްރީގައި ލައިވް ޓީވީގައިވެސް މިވާހަކަތައް ދައްކައިފައެވެ.
"ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ ބައްސާމް ހުންނާކަށް. ބައްސާމް އޯލްރެޑީ ތަކުރާރުކޮށް ފެއިލް ވެއްޖެ.ބައްސާމަކަށް މިކަމެއް ނުކުރެވުނު. ބައްސާމް ދަށުން ތިބި މީހުންނަށްވެސް މިކަމެއް ނުކުރެވުނު." ސޮބާ ބުންޏެވެ.
[caption id="attachment_54859" align="alignnone" width="1024"] "ސޭވް އެފްއޭއެމް"ގެ ނަމުގައި ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ބަޔަކު އިސް ނަގައިގެން ޝީ ބިލްޑިންގައި ރޭ ބޭއްވި ހަރަކާތުގެ ތެރެއިން: ދިވެހި ފުޓްބޯޅަ މިހާރު އޮތް ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރި-- ހަތާވީސް ފޮޓޯ/ ޙުސައިން ޙަސަން[/caption]
ސޮބާ ހިމެނޭހެން "ސޭވް އެފްއޭއެމް" ގެ ނަމުގައި ހިންގާ ބޮޑު ހަރަކާތް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފެށި އިރު، އެ މަސައްކަތް ކުރިއަށް ގެންދާނެ ވަގުތީ ކޮމެޓީއެއް ވެސް ވަނީ އެކުލަވާލައިފައެވެ. މި ހަރަކާތް އިސްވެ، ހިންގަނީ ފުޓުބޯޅައިގެ ތަޖުރިބާކާރު އިބްރާހިމް އާމިރު (ސަލްސާ އާމިރު) އެވެ. މި ކޮމިޓީގައި ޖުމުލަ ހަތް މެމްބަރަކު ހިމެނެއެވެ.
ސޮބާ އިތުރަށް ބުނީ ފުޓުބޯޅައިގެ ކަންކަން ގޯސްވެގެން ކިތަންމެ ވަރަަކަށް އެވާހަކަ ދެއްކި ނަމަވެސް، ބައްސާމް އޭނާގެ އަތް ދަށަށް ކުލަބުތައް ލައިގެން އުޅޭ ނަމަ، ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން އެކަންކަން ރަނގަޅު ކުރެވޭނީ ރާއްޖޭގެ ކުލަބުތައް ހަރުދަނާވެގެންކަން ފާހަގަކޮށް ސޮބާ ބުނީ، ސަރުކާރުން އިސްނަގައިގެން ނަމަވެސް ކުލަބުތަކާއެކު މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ.
ކުރިއަށް އޮތް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ވިކްޓަރީ ސްޕޯޓްސް ކުލަބާއި މިވަގުތު ހަވާލުވެ ހުރި ސޮބާ ވަނީ ކުޅުން ހުއްޓާލުމަށްފަހު ކޯޗިންގް ދާއިރާއަށް ވަނީއްސުރެން ދިވެހި ފުޓުބޯޅަ މަޑުމަޑުން އަޑިއަޅާލައި މަންޒަރު ފެންނަން ފަށާފައިވާ ކަމަށް ބުނެފައެވެ. އެކަމަކު ގިނަބަޔަކަށް އެ ކުޅިވަރު މިހާރު ފެތިފައި އޮތް ނާޒުކު ހާލަތު އަންދާޒާ ކުރެވުނީ އިންޑިއާގައި ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕުގެ ތެރޭން ކަމަށް އޭނާ ބުންޏެވެ.
ސޮބާ ވަނީ މީގެ ކުރިން އެފްއޭއެމްއާއެކު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ބައެއް ކުލަބުތަކުން ކަންކަން ކުރާގޮތަށް ވެސް ފާޑު ކިޔައިފައެވެ. އަދި ކުލަބުތަކުގެ ވެރިންގެ ޖީބަށް ވަންނަ ފައިސާއަށް ވުރެން ބޮޑަށް ވިސްނަން ޖެހޭނެ ކަމަށް ބުނެ އޭނާ ވަނީ ދައުލަތުގެ މީޑިއާގައި ވެސް ވާހަކަ ދައްކައިފައެވެ.