މާލެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ސަރުކާރުން ހިންގާ "ބިންވެރިޔާ ސްކީމް"ގެ ދަށުން ހުޅުމާލެއިން އާންމުންނަށް ގޯތި ދޫކުރާ ސަރަހައްދުތައް އާންމުކޮށްފިއެވެ.
އެޗްޑީސީން މިއަދު ވަނީ ބަންޑާރަ ގޯތި ދޫކުރާނެ ސަރަހައްދުތައް ދެ ވަނަ ފިޔަވަހީގެ ޗާޓަކުން ދައްކާލާފަށެވެ. ޗާޓުން ފެންނަ ގޮތުން ދެ ވަނަ ފިޔަވައްސަށް އަރާ ސަރަހައްދާ ކައިރިން ވެސް ބަންޑާރަ ގޯތި ދޫކުރާނެއެވެ. ނަމަވެސް އެންމެ ގިނަ ގޯތި ދޫކުރާނީ ދެ ވަނަ ފިޔަވަހީގެ އުތުރު ފަރާތުންނެވެ. އެއީ ހިޔާ ފްލެޓަށް ވުރެ ވެސް އުތުރެވެ.
ހުޅުމާލެ އިން ދޫކުރަނީ 1،000 ގޯއްޗެވެ. އެ ގޯތިތަކުގެ ބޮޑުމިން 1،250 އަކަފޫޓަށް ވުރެ ބޮޑުވާނެއެވެ.
[caption id="attachment_46826" align="alignnone" width="1600"] ހުޅުމާލެއިން ގޯތި ދޫކުރާ ސަރަހައްދުގައި އެޗްޑީސީގެ އެމްޑީ މީޑިއާތަކަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ/ އެޗްޑީސީ[/caption]
ހައުސިން މިނިސްޓްރީ އާއި އެޗްޑީސީ ގުޅިގެން މިއަދު ވަނީ ހުޅޫމާލެއިން ދޫކުރާ ބަންޑާރަ ގޯތި ސާފުކުރަން ފަށާފައެވެ. ސަރުކާރުން އިއުލާންކުރި "ބިންވެރިޔާ ސްކީމް"އަކީ މާލެ ރައްޔިތުންނަށް މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން، މާލެގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ހިންގާ މަޝްރޫއެކެވެ.
[caption id="attachment_46827" align="alignnone" width="1600"] ގޯތި ދޫކުރާ ސަރަހައްދު ސާފު ކުރަނީ: ހުޅުމާލެއިން 1000 ގޯތި ދޫކުރާނެ-- ފޮޓޯ/ އެޗްޑީސީ[/caption]
އެޗްޑީސީން ބުނީ ގޯތި ލިބޭ ފަރާތްތަކުގެ ނަންތައް އަންނަ މާޗު މަހު އިއުލާންކުރާނެ ކަމަށެވެ.
"މިތަނުގައި މިހާރު ކުރެވެމުންދާ މަސައްކަތަކީ، ބިން ސާފުކޮށް، އެއްވަރުކުރުމުގެ މަސައްކަތެވެ. އަދި މިހާރު ގޯތި ދިނުމަށްވާ އެންމެ ފަހުގެ ތައްޔާރީތައް ކުރިޔަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެގޮތުން، މި ތަނުގައި ޔުޓިލިޓީގެ ހިދުމަތް ޤާއިމުކުރުމުގެ މަސައްކަތްވެސްދަނީ ކުރެވެމުންނެވެ،" އެޗްޑީސީން ބުންޏެވެ.