"ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު 14:00 ފުވައްމުލަަކަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ." ޓްވިޓާގައި މީހަކު ހިއްސާކުރި ޓެކްސްޓް މެސެޖެއްގައި އޮތީ މިހެނެވެ. މިއީ އާއްމު ގޮތެއްގައި އެމްޑީޕީން އެ ޕާޓީގެ ސަޕޯޓަރުންނަށް ފޮނުވާ މެސެޖެކެވެ. މިއީ ކޮން ބައެއް ފޮނުވި މެސެޖެއްކަން ރަނގަޅަށް ފަހުމްވީ ފަހުބައި ކިޔާލިމާއެވެ. "ރައީސް ޔާމީން މިނިވަންވުމަށް އެދޭ އެންމެހާ މެންބަރުން މިއަދު 14:00 އަށް ރައީސް ނަޝީދަށް މަރުހަބާ ކިއުމަށް ވަޑައިގެން ދެއްވުމަކީ ރައީސް ޔާމީންގެ ވަރަށް ބޮޑު އެދުމެކެވެ. #ރައީސްޔާމީން 2023" ޕީޕީއެމުން ފޮނުވި މެސެޖުގައި ބުންޏެވެ. އެއީ ޕީޕީއެމުން ލިޔުނު މެސެޖަކަށްވުން ވެސް އަދި ނުވުން ވެސް އެކަށީގެންވެއެވެ.

https://twitter.com/FavaaxAnwar/status/1618162185645219840

އެކަމަކު މެސެޖުގެ މަންޒަރުކޮށް ސާފުވަނީ މަތީގައި އެ ފެންނަ ފޮޓޮއިންނެވެ. ފޮޓޯއިން ފެންނަނީ ނަޝީދު ފުވައްމުލަކަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ކިޔަން ގޮސް ހުރި ޕީޕީއެމްގެ ސަޕޯޓަރުންތަކެެކެވެ. އޭނާ ހިފަހައްޓައިގެން ހުރި ބޯޑުގައި ލިޔެފައިވާ ލިޔުންގަނޑުން، ޕީޕީއެމުން ނަޝީދަށް ތާއިދުކުރާ ވަރު ވަރަށް ސާފެވެ. އަމިއްލަ ޕާޓީގެ މީހަކަށްވުރެވެސް ބޮޑަށް ޕީޕީއެމުން ނަޝީދަށް ތާއިދުކުރާކަން އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭނުން ދަނީ ފެންނަމުންނެވެ. އެމަނިކުފާނު ވަޑައިގަންނަވާ ރަށްތަކަށް މަރުހަބާ ކިޔަން ޕީޕީއެމް މީހުން ފޯރިއާއެކު ނުކުންނަމުންދެއެވެ. މީގެ ކުރިން ނަޝީދު ވަރު ގޯސް މީހަކު ނެތިގެން އުޅުނު މީހުން މިއަދު އެވަރު މީހަކު ނެތެވެ. ލާދީނީއޭ ކިޔައިގެން ނަޝީދުއާ އެކި ގޮތް ގޮތަށް ދިމާކުރި މީހުންވެސް މިއަދު ބުނަމުން ދަނީ ނަޝީދު މާ ރަނގަޅު ކަމަށެވެ. އެމަނިކުފާނަކީ ރައީސް ސޯލިހަށްވުރެ މާ ގާބިލު ބޭފުޅެއް ކަމަށެވެ. އެކަމަކު މި މީހުންނަކީ ނަޝީދުގެ ވެރިކަން ބަގާވާތަކުން ވައްޓާލުމުގައިވެސް އިސްކޮށް އުޅުނު މީހުންނެވެ. ޕީޕީއެމުން ކުރަން މި އުޅޭ ކަމެއް ސާފެއް ނުވެއެވެ.

ދާދި ފަހުން، ރައީސް ސޯލިހަށް ތާއިދުކުރައްވާ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ބ. ތުޅާދޫއަށް ވަޑައިގަތުމުން ބަޔަކު ނުކުމެ މުޒާހަރާ ކުރިއެވެ. އަޑުއުފުލި މީހުން ވަނީ ސަރުކާރުންވީ އެއްވެސް ވައުދެއް ނުފުއްދާ ކަމަށް ބުނެ ހިސާނުގެ ފަހަތުން ހިނގާފައެވެ. އެންމެ ފުރަތަމަ އަޑުތައް ފެތުރުނު ގޮތުގައި ހިސާނަށް ހުރަސްއެޅީ ނަޝީދުގެ ސަޕޯޓަރުންނެވެ. އެކަމަކު އެކަން އެނގުނީ ކަން ހިނގައި ދިޔަގޮތް ހިސާނު ހިއްސާކުރުމުންނެވެ. ހިސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއާ ދެކޮޅަށް ނިކުތީ ޕީޕީއެމް މީހުން ކަމަށެވެ. އަދި އެމީހުން އެކަން ކުރީ ނަޝީދަށް ތާއިދުނުކުރާތީ ކަމަށެވެ.

https://twitter.com/hisaanhussain/status/1617389036905320450

"ތުޅާދޫ ޕީޕީއެމް 10 މީހުން ނުކުމެ ގަޔަށް ބޮލަށް އަރަން އުޅުނީމަ، އަޅުގަނޑު ވަށާ އެތިބީ އަޅުގަނޑުގެ ޓީމު މީހުން. އެމްޑީޕީ ކުއްޖެއް އެތާކު ނެތް. ޕީޕީއެމް މީހުން ގޮވީ ރައީސް ނަޝީދުއާ އަށް އަޅުގަނޑު ސަޕޯޓުނުކުރާ ވާހަކަ" ހިސާން ވިދާޅުވިއެވެ. އެއީ އެމްޑީޕީ އެންމެންވެސް ވިސްނާލަން ޖެހޭ ކަމެއްކަން ހިސާނުގެ ޓްވީޓް ނިންމަވާލައްވަމުން ވިދާޅުވިއެވެ. ހިސާން އެ ވިދާޅުވި ވާހަކައިން ދޭހަވި ކަމަކީ އެމްޑީޕީގެ ޕްރައިމަރީގައި ދެ ކެނޑިޑޭޓުން ދެމެދު ރުޅިވެރިކަން އުފައްދަން ޕީޕީއެމުން ގަދައަޅާ މަސައްކަތް ކުރަމުންދާ ކަމެވެ. އެމީހުންގެ ނިޔަތަކީ ނަޝީދަށް ތާއިދުކުރުމެއް ނޫނެެވެ. އަދި އެމަނިކުފާނަށް ހެޔޮ އެދިގެން ކުރާ ކަމެއްވެސް ނޫނެވެ. ހައްތާހާވެސް ބޭނުމަކީ ޕާޓީގެ ތެރޭގައި އަލިފާނުގެ ހުޅު ރޯކުރުމުވެ. ޕީޕިއެމްގެ ރަނގަޅު ބައެއް ކަމަށް ނަޝީދަށް ހިވެވަޑައިގަންނަވާ ހީވުމަކީ ގޯސް ހީވުމެކެވެ. ކުރިއަށް އޮތް ތަނުގައިވެސް އެމަނިކުފާނާ އެކު ތިއްބަވާނީ އެމްޑީޕީގެ މެމްބަރުންނެވެ. ޕީޕީއެމް މީހުނެއް ނޫނެވެ. ޕީޕީއެމް އަކީ ކޮން ބައެއްކަން ރާއްޖޭގެ އެންމެން ވަނީ ރަނގަޅަށް ދަސްކޮށްފައެވެ. ވެރިކަމުގައި އެ މީހުންގެ ފަރާތުން ކުރިމަތިވި އަނިޔާތައް ވަކިން ހާއްސަކޮށް އެމްޑީޕީން ހަނދާން ނައްތާލާ ހިސާބަކަށް އަދި ނުދެއެވެ.

ނަޝީދު ޕީޕީއެމް މީހުންނާ އެކު، ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ވަނީ ދައުރުވާން ފަށާފައެވެ. ގިނަ ރަށްރަށުން ނަޝީދަށް މަރުހަބާ ދެންނެވުމަށް ނުކުންނަނީ ޕީޕީއެމްގެ މީހުންނެވެ.

https://twitter.com/blathyf/status/1617925900275953667?s=20&t=zqyKNpFZSEm5_pJoVwmJfA