ކޮންމެ ހުކުރު ދުވަހަކު ދަތުރު ހަދާފައި ކުޑަ ބަނޑޮހަށްސާ ހަނދާން ނުވޭ ހެއްޔެވެ؟ މަސްބަތް ކައްކާ މޫދަށް އެރިލައި އެކި ކުޅިވަރުތައް ކުޅޭ ވާހަކަ އަޑު ހިވޭ ކޮންމެ ފަހަރަކު ހަނދާނަށް އަންނަނީ ކުޑަ ބަނޑޮހެވެ. އަހަރުތަކެއް ކުރިން ބަންދު ދުވަސްތަކުގައި ކުރިއާލާ ގޮސްގެން ނޫނީ އެ ރަށުން ޖާގަވެސް ނުލިބެއެވެ. އެހާވެސް މީހުންނަށް ކަމުދާ ތަނެކެވެ. އާއިލާއާ އެކު ވަގުތު ހޭދަކޮށްލަންށެވެ. ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލަންވެސް ހަމަ އެއީ އެއްވަނައެވެ. ކާރޫބާރު މާލެއިން ހިންދެމިލައިގެން ހިތްހަމަ ޖެހުން ލިބެނީ ކުޑަ ބަނޑޮހުންނެވެ. އެކަމަކު އެ ހިތްހަމަޖެހުމުގެ ހުރަހަކަށްވީ ކުޑަ ބަނޑޮހުގައި ރިސޯޓް ތަރައްގީކުރަން ސަރުކާރުން އެތަން ދިނުމުންނެވެ. އަހަރުތަކެއް ފަހުން، މާލެކައިރިން ދަތުރުދާން ބޭނުންވެފައި ތިބި މީހުންނަށް އުއްމީދު ގެނުވައިދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެ. މާލެ ކައިރިން ދަތުރުދާނެ ރަށެއް ތަރައްގީކޮށްދެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދު ފުއްދުމުގެ ނިޔަތުގައި މާލެ ކައިރިން، ކުޑަގިރި ފަޅުން އަށްހެކްޓަރު ހިއްކައިގެން ހެދި ޕިކްނިކް އައިލެންޑް މިއަދު ވަނީ ހަގީގަތަކަށް ވެފައެވެ.

[caption id="attachment_46492" align="alignnone" width="1280"] މާލެއިން 15 މިނިޓުން ކުޑަގިރިއަށް ދެވޭނެ[/caption]

ހުރިހާ ކަމެއް ނިމި ރަށް އާއްމުންނަށް ހުޅުވާލަން އޮތީ ތައްޔާރަށެވެ. އެއާއެކު ކުޑަ ބަނޑޮހުގެ ހަނދާންތައް އަނެއްކާވެސް މިވަނީ އާވާން ފަށާފައެވެ. މާލެއިންނާއި ހުޅުމާލެއިން ފުރައިގެން 15 މިނެޓުން ކުޑަގިރިއަށް ދެވޭނެއެވެ.
ހިދުމަތްތަކުގެ ބޮޑު ލިސްޓެއް
ކުޑަގިރި އާންމުންނަށް ހުޅުވާލެވިގެންދާއިރު ރަށުގައި ތަފާތު އެކި ކަންކަން ކުރެވޭނެއެވެ. ކައިވެނީގެ ހަފްލާތަކާއި، އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކިކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށްވެސް ފުރުސަތު ލިބޭނެއެވެ. ޑައިވިން އަދި ވޯޓާސްޕޯޓްސްގެ ގިނަ ހަރަކާތްތަކުގެ އިތުރުން ޓުއަރިސްޓުންނަށްވެސް ރަށަށް ޒިޔާރާތްކުރުމުގެ ފުރުސަތު ލިބޭނެއެވެ.

[caption id="attachment_46495" align="alignnone" width="1280"] ޕިކްނިކް އައިލެންޑްގައި ހަދާފައިވާ ރެސްޓޯރެންޓެއް[/caption]

ފާހަނާ ބަރި، ޗޭންޖިން ރޫމާއި ނާސިންގް ރޫމްވެސް ހުންނާނެެވެ. ނާސިންގް ރޫމް ގާއިމްކުރެވިފައިވަނީ ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުންދިނުން ފަދަ ކަންކަން ފަސޭހައިން ކުރެވޭނެފަދަ އިންތިޒާމުތަކާއިއެކުއެވެ. އަދި މިސްކިތަކާއި، ކްލިނިކްއަކާއި، ކޮންވީނިއެންސް ސްޓޯ އަދި ރީޓެއިލް ސްޓޯރުގެ އިތުރުން ކެފޭއެއްވެސް ވަނީ ގާއިމްކޮށްފައެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިރަށުގެ ފެނާއި ކަރަންޓުގެ ހިދުމަތް ވަނީ ފޯރުކޮށްދެވިފައެވެ.

[caption id="attachment_46496" align="alignnone" width="1280"] ކުޑަކުދިން ކުޅެން ހާއްސަކޮށްފައިވާ ސަރަހައްދު[/caption]

ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ވަނީ ކަނޑައަޅާފައެވެ. އަދި އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށި އަދި 4 ބޮޑު އަށިވަނީ ގާއިމުކޮށްފައެވެ. ކުޑަގިރީގައި ގާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓްބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް، ޑައިވް ސެންޓާ އަދި ވޯޓަރ ސްޕޯޓްސް ސެންޓަރ ހިމެނެއެވެ.

[caption id="attachment_46493" align="alignnone" width="1280"] ކުޑަގިރިގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ކުޅުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައި[/caption]

މީގެއިތުރުން، އެޑްމިން ބިލްޑިން އަކާއި، ފްރަންޓް އޮފީހެއްގެ އިތުރުން ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އޮފީހަކާއި ސީސީޓީވީ ކެމެރާތައް އެ ރަށުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވެއެވެ. ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ ފަރާތްތަކަށް މާލެ އާއި ހުޅުމާލެއިން ޓިކެޓް ލިބޭނެއެވެ.

[caption id="attachment_46494" align="alignnone" width="1280"] ކުޑަގިރިގައި ހަދާފައިވާ މިސްކިތެއް ކައިރީ ބަޔަކު ހުއްޓިލައިގެން[/caption]

ރަށް ހުޅުވާލެވޭއިރު ޕިކްނިކް ދިޔުމަށް ހަދައިފައިވާ އެންމެ ފުރިހަމަ ރަށްކަމުގައި ކުޑަގިރި ވެގެންދާނެއެވެ. އަދި މާލެ ސަރަހައްދުގައި ރައްޔިތުންނަށް އަތްފޯރާ ފަށުގައި އިހުގެ ޒަމާނީ ދަތުރު ދިއުމުގެ އާދަ އިޔާދަކުރުމުގެ ފުރުސަތު އަލުން ހުޅުވިގެންދާނެއެވެ.