ފަލަސްތީނުގެ ބިމަށް ވެރިވެގަނެ، އެ ގައުމުގެ މީހުން މަރައި، ގަތުލްއާންމު ހިންގަމުންދާ އިޒުރޭލުގެ އަނިޔާވެރިކަމުގެ ވާހަކަ ދިވެހި މުގައްރަރުގައި ހިމެނުމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ގޮވާލައްވައިފިއެވެ.
އިޒުރޭލުގެ ޕާސްޕޯޓް ރާއްޖޭގައި މަނާކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި އަމީން މިއަދު ވިދާޅުވީ އެ ބިލަށް ތާއިދު ކުރައްވާ ކަމަށާއި އިޒުރޭލު މީހުން ކުރާނެ ކަމެއްކޮށްފައި ރިލެކްސް ކޮށްލަން އަންނަ ތަނަކަށް ރާއްޖޭގެ ގޮނޑުދޮއްތައް ވެގެން ނުވާނެ ކަމަށެވެ. އަދި އެ މީހުން ރާއްޖެ ނާދެވޭ ގޮތް ހެދުމަކީ އޭނާ ތަމްސީލު ކުރައްވާ، ކަނޑިތީމު ދާއިރާގެ ރައްޔިތުން އެދޭ ގޮތް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިޒުރޭލުގެ އަނިޔާވެރިކަމުގެ ވާހަކަ ކުޑަކުދިންނަށް ކިޔައިދޭންޖެހޭ ކަމަށާއި ދައުލަތެއް ކަމަށް އަމިއްލައަށް ގަބޫލުކޮށްގެން، ފަލަސްތީނު ބިމަށް ވެރިވެގަނެ ފަލަސްތީނުގެ ރައްޔިތުންނަށް ވޭތުވެދިޔަ ތަނުގައި ދިން އަނިޔާގެ ވާހަކަ މުގައްރަރުގައި ހިމަނަންޖެހޭ ކަމަށެވެ.
"މި ވާހަކަ އަޅުގަނޑުމެން އެބަޖެހޭ ދައްކަން. ކުޑަކުދިންނަށް އަންގަދޭން އެބަޖެހޭ. ތައުލީމީ މުގައްރަރުގައި ވެސް މި ވާހަކަތައް ހިމަނަންޖެހޭ. އިޒުރޭލުގެ އަނިޔާވެރިކަމާއި އެ މީހުން ދައުލަތެއް ކަމަށް އަމިއްލައަށް ގަބޫލުކޮށްގެން މިއަދާ ހަމައަށް ދިން އަނިޔާ މުގައްރަރުގައި ވެސް ހިމަނަންޖެހޭ މައްސަލައެއް،" އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަމީން ވިދާޅުވިއެވެ.
ފަރުދީ ޒިންމާއެއްގެ ގޮތުގައި އިޒުރޭލުގެ އުފެއްދުންތައް ސުފުރާމައްޗަށް ނޭރުވުމަށް އެދިވަޑައިގެން، އަމީން ވިދާޅުވީ މާޒީގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީން ކަންކަން ކުރިގޮތޭ ކިޔައި މިއަދު ގޮތެއް ނުނިންމާ ތިންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ރައްޔިތުން ގަބޫލުކުރާވަރުގެ ނަތީޖާ ދެއްކިފައިނުވާތީ، ނިމިދިޔަ މަޖިލީހުގައި ތިއްބެވި މެމްބަރުންނަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަޖިލިސް މެމްބަރުކަމަކީ ޝަރަފުވެރި މަގާމެއް ނޫން ކަމަށާއި އެއީ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.
"ކުރީގެ އެމްޑީޕީ ސުޕަ މެޖޯރިޓީން ގޮތެއް ނިންމީމަ، އެއީކީ އަޅުގަނޑުމެން މިއަދު ގޮތެއް ނުނިންމާ ތިބެންޖެހޭ ސަބަބެއް ނޫން. އެއީ އުޒުރެއްކަމުގައި ވެސް އަޅުގަނޑު ނުދެކެން. އެ ހިތްވަރު ނެތް މެމްބަރުންނަށް ނޫނެކޭ ބުނެފި ނޫންތޯ ރައްޔިތުން،" އަމީން ވިދާޅުވިއެވެ.
އިޒުރޭލުގެ ޕާސްޕޯޓް ރާއްޖޭގައި މަނާކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 88 މެމްބަރުންގެ ވޯޓުން، މަޖިލީހަށް ވަނީ ބަލައިގެންފައެވެ. އެ ބިލު ދިރާސާ ކުރުމަށް ފޮނުވާފައި ވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށެވެ.
ވަރަށް ރަނގަޅު ނިންމުމެއް، ވަރަށްރަނގަޅު ނިންމުމެއް، ވަރަށް އުފާވެއްޖެ، ވަރަށް ހޫނުމަރުހަބާއެއް މަޖުލިސްމެންބަރުންނަށް އަރިސްކުރަން،
އިޒުރޭލު