ކުރިޔަށް އޮތް ފަސް އަހަރު އިންޑިއާ އިން ބޫޓާނަށް 10 ކްރޯޑް ރުޕީސް (119 މިލިއަން ޑޮލަރު) ގެ އެހީ ދޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާން ކުރައްވައިފިއެވެ.
މޯދީ އެކަން އިއުލާން ބޫޓާނުގެ އެންމެ މަތީ ޝަރަފު ކަމަށްވާ އޯޑާ އޮފް ޑްރޫކް ގްޔަލްޕޯ އެވޯޑް ލިބިވަޑައިގަތުމަށް ބޭއްވި ރަސްމިއްޔާތެއްގައި ދެއްކެވި ވާހަކަފުޅުގައެވެ. އަދި އެކަން އިއުލާން ކުރެއްވީ ބޫޓާނުގެ ހާރިޖީ ވަޒީރު ޝެރިންގް ޓޮބްގޭއާ އެކު ބޭއްވެވި މަޝްވަރާތަކަށް ފަހުއެވެ.
މޯދީގެ ވާހަކަފުޅުގައި ވިދާޅުވީ ކޮންމެ ފިޔަވަޅެއްގައި ވެސް ބޫޓާނާ އެކު އިންޑިއާ އިން ތެދުވެ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދެ ގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދާނެ ކަމަށެވެ.
"އިންޑިއާ އާއި ބޫޓާނާ ދެމެދު ކަނެކްޓިވިޓީ، އިންފްރާސްޓްރަކްޗާ، ވިޔަފާރީގެ ދާއިރާ އަދި ހަކަތައިގެ ދާއިރާއިން އާ ފުރުސަތުތަކެއް ހޯދުމަށް މަސައްކަތް ކުރާނަން،" ވަޒީރުންނާއި ޑިޕްލޮމެޓުންނާއި އަސްކަރީ އޮފިޝަލުންނާއި ސްކޫލް ކުދިން ބައިވެރިވި ރަސްމިއްޔާތުގައި ބޫޓާންގެ ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްގްޔަލް ވަންގްޗުކް އެ މަނިކުފާނަށް އެވޯޑް ހަވާލުކުރެއްވުމާ ގުޅިގެން ހިންދީ ބަހުން ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވިއެވެ.
"އަޅުގަނޑު ބޫޓާންގެ އަޚުންނާއި އުޚުތުންނަށް ދަންނަވާލަން ބޭނުންވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އިންޑިއާ ސަރުކާރުން މިކަމަށް 10،000 ކްރޯޑް ރުޕީސްގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަން،" އިތުރަށް ވިދާޅުވިއެވެ.
މީގެ އިތުރުން މޯދީ ވަނީ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އާ އެއާޕޯޓެއް އެޅުމުގެ ވިސްނުމާއި ބަނާރްހާޓް (ވެސްޓް ބެންގާލް) އާއި ސަމްޓްސޭ (ބޫޓާން) އާއި ކޮކްރާޒަރު (އާސާމް) އާއި ގެލެފޫ (ބޫޓާން) އާ ދެމެދު އާ ރޭލް ގުޅުމެއް ގާއިމުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ.
މޯދީ ބޫޓާނަށް ކުރެއްވޮ ދަތުރުފުޅުގައި ވަނީ އެގައުމާއެކު 6 އެއްބަސްވުމެއްގައި އިންޑިއާ އިން ސޮއިކޮށްފައެވެ. އެ އެއްބަސްވުންތަކުގެ ތެރޭގައި ހަކަތައާ ގުޅުންހުރި ދާއިރާތަކާއި ޖައްވީ ކަންކަމާއި ގުޅޭ އެއްބަސްވުންތައް ހިމެނެއެވެ.