ރާއްޖޭގެ ބޮޑު ކުންފުންޏެއްގެ ވަޒީފާއިން ވަކިކުރި މުވައްޒަފެކެވެ. ވަޒީފާއިން ވަކިކުރި ރަނގަޅަށް ނޫން ކަމަށް ވީ ނަމަވެސް ދެ އަހަރު ފަހުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އޭނާއަށް ދޭން އެންގީ އެއް މަހުގެ އަސާސީ މުސާރަ އެވެ. އެ މައްސަލަ ހައިކޯޓަށް ހުށަހެޅިތާ ދެ އަހަރު ފަހުން އަންނަ ޖެނުއަރީ މަހަށް މައްސަލަ ތާވަލްކޮށް ޗިޓް ފޮނުވީ އިއްޔެ އެވެ.
އެމީހާ އިންސާފު ހޯދަން މަސައްކަތް ކުރާތާ ހަތަރު އަހަރުވީ އެވެ. ކޯޓުތަކުން މައްސަލަ ނުނިމިގެން އެތައް ބަޔަކު ޝަކުވާ ކުރާއިރު ސިޔާސީ ބޭފުޅެއްގެ މައްސަލައެއް ވިއްޔާ ހުކުރެއް ހޮނިހިރެއް ވިޔަސް ވަރިހަމަ އެވެ. ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލަށްލިތާ އަހަރެއް ނުވަނީސް ހައިކޯޓުގައި އެއޮތީ ހުކުމްކުރާ ހިސާބުގަ އެވެ.
އާންމު މީހާ ބޭ އިންސާފުން ވަޒީފާއިން ވަކިކޮށްގެން ނުވަތަ އެ ނޫން މައްސަލައެއް ކޯޓުތަކަށް މައްސަލަ ހުށަހަޅައިގެން އެތައް އަހަރެއް ފާއިތުވާއިރު މައްސަލަ ނިމޭ ގޮތެއް ނުވެ އެވެ. މައްސަލަ ނުނިމިގެން އިތުރު އާމްދަނީއެއް ނުލިބޭތީ އާއިލާ ބިކަވެދާނެ ކަމުގެ ބިރުގައި އެތައް ސަތޭކަ ބަޔަކު ތިބިއިރު އެކަން ބަލާނެ މުއައްސަސާއެއް ނެތެވެ.
އަބަދުވެސް އޮންނަ އެއް ބަހަނާއަކީ ކޯޓުތަކުގެ ވަސީލަތްތަކާއި ޖާގަ ނެތުމެވެ. ނަމަވެސް ސިޔާސީ ބޭފުޅެއްގެ މައްސަލައެއް ނަމަ އެހެން ހުރިހާ ކަމެއް ހުއްޓާލާފައި ވެސް ކޯޓުތަކަށް ވަގުތާއި ވަސީލަތްތައް އޮވެ އެވެ. ސިޔާސީ ބޭފުޅުންގެ މައްސަލަތައް ހިނގަމުންދާ ގޮތުގެ ތާރީހް އެކަމަށް ހެކި ދެ އެވެ.
ކޯޓުތަކުގައި މައްސަލަތައް އަވަސްކުރަން ފަނޑިޔާރުންގެ އަދަދު އިތުރުކޮށް އަދި އެތައް ހަރަދެއް މިހާތަނަށް ކޮށްފި އެވެ. ކުރިން ނުވަ ފަނޑިޔާރުން ތިބި ހައި ކޯޓުގައި މިހާރު 11 ފަނޑިޔާރުން އެބަތިއްބެވެ. އޭގެ ކޮންމެ ބޭފުޅެއްގެ މުސާރަ އާއި އިނާޔަތަށް މަހަކު 54,000 ރުފިޔާ ލިބެ އެވެ. މަހަކަށް ބަލާއިރު 590,000ރ. ދައުލަތުން އެ ބޭފުޅުންނަށް އެބަ ހަރަދުކުރެ އެވެ. އަހަރަށް ބަލާނަމަ އެއީ 7 މިލިއަން ރުފިޔާ އެވެ. އަދި އެންމެ މަތީ ފެންވަރުގެ މެޑިކަލް އިންޝުއަރެންސް މުޅި އާއިލާއަށް ދައުލަތުން ދެ އެވެ.
ނަމަވެސް ކުރިއެކޭ މިހާރެކޭ ވަކި ތަފާތެއް ނުފެނެ އެވެ. ހައި ކޯޓުގެ އިތުރުން ދަށު ކޯޓުތަކުގެ ހާލަތަކީ ވެސް މިއީ އެވެ. ފަނޑިޔާރުންނާއި ޝަރުއީ ދާއިރާއަށް ދައުލަތުން ކުރާ ހޭދަތައް ފައިސާއިން އަގު ކުރެވުނަސް އާންމު ރައްޔިތުންގެ މައްސަލަތައް ނުނިމި އަދި އިންސާފު ނުލިބި ލަސްވުމުން އެ މީހުންނަށް ކުރިމަތިވާ މާލީ އަދި ނަފްސާނީ ގެއްލުންތަކާއި ގެއްލިގެންދާ ދުވަސްތަކަކީ ފައިސާއިން އަގު ކުރެވޭނެ އެއްޗެއް ނޫނެވެ. މިކަމަށް ޒިންމާވާނެ ބައެއް އަދި މުއައްސަސާއެއް ނެތެވެ.
މައްސަލަ ލަސްވާތީ ޝަކުވާ ކުރިޔަސް ބަލާނެ މުއައްސަސާއެއް ނެތެވެ. މައްސަލަ އޮތް ކޯޓަށް ގުޅައިގެން އާދޭސް ކުރީމަ ލިބޭނެ ޖަވާބަކީ މައްސަލަ އަވަސް ކުރަން މަސައްކަތް ކުރާނެ ކަމަށެވެ. ދެ ތިން އަހަރުވާއިރު ވެސް ލިބޭނީ ހަމަ އެ ޖަވާބެވެ. އެތަނުން ނުވެގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއްޔާ ޖަވާބަކީ ތިޔައީ ޖުޑީޝަރީގެ ކަމެކެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ޖަވާބަކަށް ވާނީ ކޯޓުތަކުގައި ހިނގާ ޝަރީއަތްތަކާ އެ ކޮމިޝަނުން ނުބެހޭނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ ޖަވާބަކަށް ވާނީ ދަށު މަރުހަލާގެ ކޯޓެއްގައި އޮތް މައްސަލައަކަށް ތިމަންމެން ބަސް ނުކިޔާނެ ކަމަށެވެ.
އިންސާފުވެރި ފަނޑިޔާރުންތަކެއް ކޯޓުތަކަށް އައްޔަން ކުރުމަކުން ހުރިހާ ކަމެއް ފުރިހަމައެއް ނުވެ އެވެ. ރާއްޖެއަށް ކިތަންމެ ޒަމާނީ ފެންވަރުގެ ޖުޑިޝަރީއަކާއި ފަނޑިޔާރުންތައް ލިބިފައިވީ ނަމަވެސް އިންސާފަށް އެދި ރައްޔިތުން އާދޭސް ކުރަން ޖެހުމުގެ ސަގާފަތަށް ނިމުމެއް ނެތެވެ.