ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިޒްރޭލު ސިފައިންނާ ދެމެދު ހިނގަމުންދާ ހަނގުރާމާގައި އިޒްރޭލުގެ 600 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިޒްރޭލުގެ ސަރުކާރުން ހިންގާ ފޭސްބުކް ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނިީ ހަމާސް އިން ދިން ހަމަލާގައި 600 މީހުން މަރުވެފައިވާ ކަމަށެވެ. އަދި 2000 މީހުން ޒަހަމްވެފައިވާ ކަމަށް އެ ޕޯސްޓުގައި ބުންޏެވެ. އަދި 100 އަށް ވުރެ ގިނަ މީހުން ހަމާސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ޕޯސްޓުގައި ބުންޏެވެ.

ތައިލެންޑުގެ ހާރިޖީ ވުޒާރާއިން އާދީއްތަ ބުނީ އިޒްރޭލުގެ ދެކުނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ހަމާސްގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ތައިލެންޑުގެ 11 މީހަކު ހިމެނޭ ކަމަށެވެ.

އިޒްރޭލުގައި ހުންނަވާ ނޭޕާލް ސަފީރު ވިދާޅުވީ، ނޭޕާލްގެ 17 ދަރިވަރަކު ހަނގުރާމަވެރިން ހިފަހައްޓާފައިވާ ކަމަށާއި އޭގެ ތެރެއިން 11 ދަރިވަރަކަށް އަނިޔާވެފައިވާ ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ހަމާސް އިން ކިޑްނެޕްކުރި އިޒްރޭލުގެ ބައެއްގެ މީހުން ވަނީ މަރާލާފައެވެ.

އިޒްރޭލްގެ ޑިފެންސް މިނިސްޓްރީ (އައިޑީއެފް) ތަރުޖަމާނު ޑެނިއަލް ހަގާރީ ވިދާޅުވީ އިސްރާއީލާއި ގައްޒާގެ ދެކުނުގައި ފަލަސްތީނުގެ 400 އަށް ވުރެ ގިނަ ހަނގުރާމަވެރިން ޝަހީދުކޮށްލާފައިވާ ކަމަށާއި އިތުރު އެތައް ބަޔަކު އަތުލައި ގަނެފައިވާ ކަމަށެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު ބުނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިސްރާއީލުން ގައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 313 މީހުން ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި 20 ކުޑަކުދިން ވެސް ހިމެނޭ ކަމަށާއި ގާތްގަނޑަކަށް 2000 އެއްހާ މީހުން ޒަހަމްވެފައިވާ ކަމަށެވެ.

މީގެ އިތުރުން ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ބަޑީގެ ހަމަލާތަކުގައި ހަތް މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށް އެ އިދާރާއިން ބުނެއެވެ.