ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ބޮޑެތި ހަމަލާތަކެއް ދޭން ވަނީ ފަށާފައެވެ. މިއީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި އެ ޖަމާއަތުން އިޒްރޭލަށް ދިން އެންމެ ބޮޑު ހަމަލާއެވެ.
ހަމާސް އިން ދިން ހަމަލާގައި އިޒްރޭލު 100 މީހުން މަރާލައި އެތައް ބަޔަކު ޒަހަމްކޮށްލާފައެވެ. މި ހަމަލާވެގެން ގޮސްފައިވަނީ ހައިރާންކުރުވަނިވި ހަމަލާއެއްގެ ގޮތުގައެވެ.
އިޒްރޭލުން ބުނީ އީރާނަށް ތާއީދުކުރާ ހަމާސް ޖަމާއަތުން ވަރުގަދައަށް ހަނގުރާމައެއް އިއުލާނުކޮށްފައިވާ ކަމަށެވެ. ގައްޒާ ކައިރީގައި ވާ އިސްރާއީލުގެ އެކި އަވަށްތަކާއި އަސްކަރީ މަރުކަޒުތަކުގައި ހަނގުރާމަވެރިންނާ ކުރިމަތިލުންތައް ހިނގަމުންދާކަން އިސްރާއީލު ސިފައިން ވަނީ ކަށަވަރުކޮށްދީފައެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ރައްދު ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
އޭގެ ރައްދުގައި އިސްރާއީލުން ވަނީ ގައްޒާގެ މީހުން ދިރިއުޅޭ ބައެއް ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދީފައެވެ. ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ފަތިހުން ފެށިގެން އިޒްރޭލުގެ "ކައުންޓާ އެޓޭކް"ގައި ފަލަސްތީނުގެ 198 މީހުން ޝަހީދުވެފައިވާ ކަމަށެވެ. އަދި 1600 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ.
ހަމާސް އިން ދިން ހަމަލާގައި އިޒްރޭލުގެ 100 މީހުން މަރުވެފައިވާ ކަމަށް އިސްރާއީލުގެ އެމްބިއުލާންސް ސާވިސް އިން ބުނެއެވެ. މީގެ އިތުރުން އިޒްރޭލުގެ 545 އެއްހާ މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.
މި ހަމަނުޖެހުންތަކަކީ ގައްޒާ-އިސްރާއީލު ބޯޑަރު ސަރަހައްދުގައި ހަފުތާތަކެއް ވަންދެން ނުތަނަވަސްކަން އިތުރުވެ، ހުޅަނގު އައްސޭރީގައި ނުރައްކާތެރި ކުރިމަތިލުންތަކެއް ހިނގަމުން ދަނިކޮށް ކުރިމަތިލާން ޖެހުނު ކަމެކެވެ. ހަމާސް އިސްވެ ހަރަކާތްތެރިވާ ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ހޮނިހިރު ދުވަހު ވަނީ ގައްޒާ ވަކިކުރުމުގެ ފެންސް ކައިރީގައި ހުރި އަވަށްތަކަށާއި އާބާދީތަކަށް އަމާޒުކޮށް ބޮޑެތި އަސްކަރީ އޮޕަރޭޝަނެއް ހިންގާކަން އިއުލާނުކޮށްފައެވެ. އޭގެ ރައްދުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ގައްޒާއަށް ވައިގެ ހަމަލާތަކެއް ދީ، ބާރުގަދަ ގޮވުންތަކެއް ގޮއްވާލައިފައެވެ. މަންޒަރު ދުށް މީހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެތައް ބަޔަކު ހޮސްޕިޓަލްތަކަށް ގެންދިޔައެވެ.
ދާދި ފަހުން ހަމަނުޖެހުންތައް އިތުރުވެފައި މިވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމަވެރިންނާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ހުޅަނގު އައްސޭރިއާއި ޣައްޒާއަކީ ފަލަސްޠީނުގެ ރައްޔިތުން ޒަމާނުއްސުރެ އަމިއްލަ ދައުލަތެއް ޤާއިމުކުރުމަށް މަސައްކަތްކުރަމުން އަންނަ ސަރަޙައްދުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ.
ހަމާސްގެ މީޑިއާތަކުން ވަނީ ހަނގުރާމަވެރިން ޣައްޒާއަށް ގެނައި އިސްރާއީލު ސިފައިންގެ ހަށިތައް ދައްކުވައިދޭ ކަމަށް ބުނާ ވީޑިއޯތައް ހިއްސާކޮށްފަ އެވެ. އަދި ފަލަސްތީނުގެ ހަތިޔާރު އެޅި މީހުން އިސްރާއީލުގެ ގެތަކުގެ ތެރޭގައި އިޒްރޭލުގެ އަވަށެއްގެ ތެރެއިން ޖިޕްތަކުގައި ދުއްވާމަންޒަރު ވެސް އެ މީހުން ވަނީ ދައްކާފަ އެވެ.
ރޮއިޓާސްއަށް މި ފުޓޭޖް ވަގުތުން ކަށަވަރު ކުރެވިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެ އިތުރުން ހަމާސްގެ މީޑިއާތަކުން ވަނީ ހަލާކުވެފައިވާ އިސްރާއީލުގެ ޓޭންކެއް ފެންނަ ވީޑިއޯ ފުޓޭޖެއް ވެސް އާންމުކޮށްފަ އެވެ.