މެޑިކަލް ޑޮކްޓަރުން ސްޕެޝަލައިޒް ވުމަށް މި ސަރުކާރުން ހުޅުވާލި "މެޑިކަލް ޑޮކްޓާސް ސްޕެޝަލައިޒޭޝަން ސްކޮލާޝިޕް 2023" އަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގައުމުގެ ތަރައްގީ އަށް ބޭނުންވާ މީހުން ބިނާކުރުމަށް ސްކޮލާޝިޕް ދިނުމުގެ ސިޔާސަތުގެ ދަށުން މެޑިކަލް ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް މިއަހަރު 7 ދާއިރާއިން ހުޅުވާލެވުނު ކަމަށެވެ. އެއީ އެނެސްތީސިއޮލޮޖީ އާއި އިންޓާނަލް މެޑިސިން އާއި ސްޕައިން ސާޖަރީ އާއި ޕީޑިއޭޓްރިކް ޕަލްމޮނޮލޮޖީ އާއި ގައިނެކޮލޮޖީ އަދި ޖެނެރަލް ސާޖަރީގެ އިތުރުން ޕީޑިއޭޓްރިކްސް ދާއިރާ އިން ކަމަށެވެ.

މިފަހަރުގެ ސްކޮލާޝިޕަށް ޖުމްލަ 49 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށާއި އޭގެތެރެއިން ހަ ފަރާތަކަށް އިއްޔެ ސްކޮލާޝިޕް އެވޯޑް ކުރެވިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ މަސައްކަތް ކުރާ އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަކީ ފަންނީ ހުނަރުވެރިންނަށް ހެދުމަށްޓަކައި މަސައްކަތް ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

އެގޮތުން ހެލްތު ސެކްޓަރުގައި މަސައްކަތްކުރާ ބޭފުޅުންނަށް ކަމާ ގުޅުންހުރި ދާއިރާތަކުން އިތުރަށް ތައުލީމު ހޯދުމަށްޓަކައި ހާއްސަ ސްކޮލާޝިޕް ސްކީމްތަކެއް މިހާރުވެސް އެ މިނިސްޓްރީން ހިންގާފައި އެބަހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވަނީ ސިއްހީ ދާއިރާއަށް ބޭނުންވާ އެފަދަ ސްކޮލާޝިޕް ފުރުސަތުތަށް ދެ މިނިސްޓްރީ އިން ގުޅިގެން ހުޅުވާލުމުގެ މުހިއްމުކަމުގެ މައްޗަށް ބައްލަވާ އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ. އަދި އިއްޔެ ފުރުސަތު ލިބިގެންދިޔަ ޑޮކްޓަރުން ކިޔަވައި ނިމިގެން، ގައުމަށް އެނބުރި އައުމުން ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ލުއި ފަސޭހަކޮށް ލިބިގެން ދިއުމަކީ ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ ސްކޮލާޝިޕްތަކަށް ހޮވުނު ކެންޑިޑޭޓުން ހުރިހާ ހަރަދު ހަމަޖައްސާނީ ދިވެހި ސަރުކާރުގެ ފަރާތުން ކަމަށެވެ. އަދި ސްކޮލާޝިޕްގައި ކެންޑިޑޭޓުން ފުރިހަމަކުރާ ޕްރޮގްރާމްގެ ދިގުމިނަށް ބިނާކޮށް، ކަނޑައެޅޭ ވަކި މުއްދަތަކަށް މިނިސްޓްރީ އޮފް ހެލްތަށް ހިދުމަތް ކުރުމަށް ޝަރުތު ކުރެވޭނެ ކަމަށް ވެސް ބުންޏެވެ. އެހެންކަމުން، ޕްރޮގްރާމް ނިންމުމަށްފަހު، އެ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ދިވެހިރާއްޖެ އަށް ހިދުމަތްކުރުން ލާޒިމުވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.