ޗައިނާގެ އެންމެ ކާމިޔާބު އެއް އެއާލައިން ކަމަށްވާ ސިޗުއާން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ 186 ފަސިންޖަރުންނާއެކު އަލުން ފެށި ދަތުރުގެ ފުރަތަމަ ފްލައިޓް ވީއައިއޭ އަށް ޖައްސާފައިވަނީ އިއްޔެ ހަވީރު 6:05ގައި ކަމަށެވެ.
ޗައިނާގެ ޗެންގްޑޫއާއި ރާއްޖެއާއި ގުޅުވައިދޭ ގޮތަށް ސިޗުއާން އިން ހަފުތާއަކު ތިން ފްލައިޓް ބާއްވާނެއެވެ. ސިޗުއާން އެއާލައިން އިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް އަލުން ފަށާފައި ވަނީ ހަތް އަހަރަށްފަހުގައެވެ.
ޗައިނާގެ ދެ އެއާލައިނަކުން މިހާރު ވެސް ރާއްޖެއަށް ދަތުރުތައް ކުރެއެވެ. އެގޮތުން ބެއިޖިން ކެޕިޓަލް އިން ހަފުތާއަކު ޗާޓަރު ފްލައިޓެއް ބާއްވާއިރު، ޗައިނާ އީސްޓަން އެއާލައިނުން ކޮންމެ ހޮނިހިރު ދުވަހަކު ޝެޑިއުލް ދަތުރުތައް ކުރެއެވެ.
ވީއައިއޭއަށް ސިޗުއާން އެއާލައިން އަލުން ފެށުމުން ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދީ ކުރިއެރުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ކޮވިޑް-19 އާ ގުޅިގެން ޗައިނާގެ ބޯޑަރު ބަންދުކުރުމުގެ ކުރިން ޗައިނާގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް މާކެޓެވެ. މި އަހަރުގެ ކުރީކޮޅު ބޯޑަރު ހުޅުވާލިފަހުން ޗައިނާގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރަމުން އަންނައިރު، މިއީ މިހާރު ރާއްޖޭގެ ހަތަރު ވަނައަށް އެންމެ ބޮޑު މާކެޓެވެ.
އެމްއޭސީއެލް އިން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކާއި ރާއްޖެއާއި ގުޅުވާލުމަށް ގިނަ އެއާލައިންތަކަކަށް މަރުހަބާ ކިޔަމުންނެވެ. އެގޮތުން މިއަހަރު ފިނިމޫސުމަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާއިރު، އައު މަންޒިލްތަކުން ރާއްޖެއަށް ފްލައިޓްތައް ބާއްވާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެގޮތުން އެމެރިކާގެ ވާޖިން އެޓަލާންޓިކް އަންނަ އޮކްޓޯބަރުގައި ލަންޑަން ހީތްރޯ އެއާޕޯޓާއި ދެމެދު ދަތުރުތައް ފަށުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
މިހާރު ރާއްޖެއަށް ދުނިޔޭގެ ތިރީހަށް ވުރެ ގިނަ މަންޒިލުން 40އަށް ގިނަ އެއާލައިން ދަނީ އޮޕަރޭޓްކުރަމުންނެވެ.