ސުޕްރީމް ކޯޓުގެ ޝަރީއަތެއް ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވައިފި

ވީޑިއޯ ކޮންފަރެންސްކޮށް ސުޕްރީމް ކޯޓުން ބޭއްވި ޝަރީއަތުގެ ފޮޓޯއެއް: ފޮޓޯ / ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކޯޓުގެ ޝަރީއަތެއް ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބާއްވައިފިއެވެ.

މި ޝަރީއަތް ބާއްވާފައި ވަނީ މިއަދު މެންދުރު 13:00ގައެވެ. ސުޕްރީމް ކޯޓުން ބުނީ އެ މައްސަލައަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށް ދަޢުވާކޮށް ބ. ތުޅާދޫ ގުލްބަހާރުގެ ޢަދުނާން ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

މައްސަލައިގެ ބެންޗްގައި ހިމެނި ވަޑައިގެންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މަހާޒް އަލީ ޒާހިރު އާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުއެވެ. މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

މި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންނާއި، ދައުވާކުރާ ފަރާތާއި އެ ފަރާތުގެ ވަކީލު އަދި ދައުވާލިބޭ ފަރާތާއި ކޯޓުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވީ އެ ފަރާތެއް ގާއިމްވެހުރި ތަނުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ސުޕްރީމް ކޯޓުން ބުނީ އެކޯޓުގެ ޝަރީއަތްތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދުގެ ދަށުން ބާއްވާ ޝަރީއަތްތައް ލައިވްކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، މިއަދު ކުރިއަށް ގެންދެވުނު ޝަރީއަތުގެ މަޖިލީހަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން އާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދަންޖެހޭ ބާވަތުގެ މައްސަލައަކަށް ވާތީ މިއަދުގެ ޝަރީއަތް ލައިވްކުރެވިފައި ނުވާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.