ފިޝަރީޒް މިނިސްޓްރީ ޒިންމާ އަދާނުކުރި މައްސަލާގައި މަޖިލީހުގެ ޖަލްސާއެއް މިރޭ 11:30ގައި

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ޒަހާ ވަޙީދުއާ ސުވާލު ކުރެއްވުން/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިތުރު ޖަލްސާއެއް މިރޭ 11:30ގައި ބޭއްވުމަށް އެޖެންޑާކޮށްފިއެވެ.

މި ޖަލްސާއަކީ މަސްވެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް ގާނޫނުގައި ބުނެފައިވާ ދުވަހަށް ހެދިފައި ނުވާތީ ފިޝަރީޒް މިނިސްޓްރީ ގާނޫނާއި ހިލާފުވެއްޖެ ކަމަށް ގަވާއިދު ކޮމެޓީން ކަނޑައަޅާފައި ވާތީ އެ ރިޕޯޓަށް ބަހުސް ކުރުމަށްޓަކައި ބާއްވާ ޖަލްސާއެއް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

މަސްވެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް ދުވަހަށް ނިންމާފައި ނުވާތީ އެ މައްސަލަ ދިރާސާ ކުރުމަށްފަހު ގަވާއިދު ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ މަސްވެރިކަމުގެ ގާނޫނުގައި ލާޒިމް ކޮށްފައިވާ ގަވާއިދުތައް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ނިމިފައި ނުވާކަން އެ ކޮމެޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ގާނޫނެއްގައި ވަކި ގޮތަކަށް އަމަލު ކުރަންވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ނަމަ އެއީ ގާނޫނުން އުފައްދާ ބަރީއަވުމެއް ނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއް ކަމަށް ބަލަންވާނެ ކަމަށް މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގެ 37ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް ފިޝަރީޒް މިނިސްޓްރީއާ މަސްވެރިކަމުގެ ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތެއް އަދާ ނުކުރުމުގެ ސަބަބުން އެ މުއްދަތު ފަހަނައަޅާ ދިއުމަށްފަހުން މިއަދާއި ހަމައަށްވެސް އެ މަސްއޫލިއްޔަތު އަދާކޮށްފައި ނުވާކަމުގެ ސަބަބުން އެ މިނިސްޓްރީ ގާނޫނާއި ހިލާފުވެފައިވާ ކަމަށް ކޮމެޓީއަށް ގަބޫލުކުރެވޭ ކަމަށާއި ފިޝަރީޒް މިނިސްޓަރު ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވާފައި ނުވާކަމަށް ކޮމެޓީގެ މެންބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައިވެސް އެ ރިޕޯޓަށް ވަނީ ބަހުސް ކުރައްވާފައެވެ. ރިޕޯޓަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން ވަނީ މިނިސްޓަރު ޒަހާ އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ. ނޫން ނަމަ ޒަހާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަންގަވާނެ ކަމަށް ވިދާޅުވެ ބައެއް މެންބަރުން ވަނީ އިންޒާރު ދެއްވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.