ޔާމީން ޖަލަށްލީ ނުހައްގުން ކަމަކަށް މައުމޫނަށް ވިދާޅެއް ނުވެވޭނެ: ނަޝީދު

ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން ޖަލްސާއެއްގައި --

ކުރީގެ ރައީސް، އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލާފައި ވަނީ ނުހައްގު ކަމަކަށް ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމަށް ވިދާޅުނުވެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް މައުމޫންގެ ދަރިކަލުން އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާން މައުމޫން ދާދި އަވަހަށް ރައީސް ޔާމީންގެ ދިފާއުގައި މައުމޫން ވާހަކަދައްކަވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ޔާމީންގެ ދިފާއުގައި މައުމޫން ވާހަކަ ނުދައްކަވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ ވެރިކަމުގައި މައުމޫނާއި ޔާމީނާއި ދެބޭފުޅުންގެ ހިޔާލު ތަފާތުވެ އޭރު ޕީޕީއެމްގެ ރައީސްގެ ގޮތުގައި ހުންނެވި ރައީސް މައުމޫން ޕާޓީންވެސް ބޭރު ކުރެއްވިއެވެ. އަދި ޕީޕީއެމްގެ ރައީސްކަން ފަހުން ކުރެއްވީ ރައީސް ޔާމީނެވެ. އޭގެފަހުން ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ ކަންތައްގަނޑެއްގައި [2018ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން] ރައީސް މައުމޫން ހައްޔަރުކުރެވި ޖަލަށްވެސް ލިއެވެ.

އެކަމާއި ގުޅިގެން ރައީސް ޔާމީނަށް ގިނަބައެއްގެ ފާޑު ކިޔުންތައް އަމާޒުވެގެން ދިޔައެވެ. ނަމަވެސް އޭރުވެސް ރައީސް ޔާމިން ވިދާޅުވަމުން ގެންދެވީ ގާނޫނުގެ ކުރިމަތީގައި އެންމެން ވެސް ހަމަހަމަ ވާނެ ކަމަށެވެ.

ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ އަދި ތ. ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ޣައްސާން ވަނީ ސަންގު ޓީވީގައި ޔާމީންގެ ދިފާއުގައި ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އެއާއިއެކު އުނގޫފާރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވަނީ ޣައްސާނަށް ފާޑު ވިދާޅުވެފައެވެ. ވައްޑެ ވިދާޅުވީ ޔާމީނަށް ނުހައްގުން، ސިޔާސީ ހުކުމެއް އިއްވި ނަމަ ބައްޕާފުޅު މައުމޫނާއި ބޭބޭފުޅު، ފާރިސް މައުމޫން ވެސް އެކަން ފާހަގަކުރައްވާނެ ކަމަށެވެ.

ޣައްސާން ވިދާޅުވީ އެތަން މިހާރުވެސް ފެންނަ ކަހަލަ ކަމަށެވެ. އަދި ސަރުކާރު ކޯލިޝަން ރޫޅުމާއި އެކު މައުމޫނާއި ފާރިޝް ވެސް ވަރަށް އަވަހަށް ޔާމީންގެ ދިފާއުގައި ނިކުންނަވާނެ ކަމަށެވެ. ޣައްސާން ވިދާޅުވީ ތަފާތު ފިކުރުތަކުގެ ޕާޓީތައް އެކުވެފައިވާ ކޯލިޝަނަކީ ތެލާއި ފެނުގެ ގުޅުން ކަމަށެވެ. ނަމަވެސް ރައީސް މައުމޫނާއި ޔާމީންގެ އޮތީ ލޭގެ ކުޅުން ކަމަށް ޣައްސާން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *