ކޯލިޝަން ރޫޅުމާއިއެކު ޔާމީންގެ ދިފާއުގައި މައުމޫން ނިކުންނަވާނެ: ޣައްސާން

ރައީސް ޔާމީން އަދި ރައީސް މައުމޫނާއި ދެބޭފުޅުން ސަލާމް ކުރައްވަނީ ---

މިހާރު އުފެދިފައިވާ ސަރުކާރާއި އެކު ކޯލިޝަން ހަދާފައިވާ ކުރީގެ ރައީސް އަދި އެމްއާރްއެމްގެ އިންތިގާލީ ރައީސް، މައުމޫން އަބްދުލްގައްޔޫމް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ދިފާއުގައި ނިކުންނަވާނެ ކަމަށް އެމަނިކުފާނުގެ ދަރިކަލުން އަދި ޕީޕީއެމްގެ ނާއިބު ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ އަދި ތ. ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ޣައްސާން ވަނީ ސަންގު ޓީވީގައި ޔާމީންގެ ދިފާއުގައި ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އެއާއިއެކު އުނގޫފާރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވަނީ ޣައްސާނަށް ފާޑު ވިދާޅުވެފައެވެ. ވައްޑެ ވިދާޅުވީ ޔާމީނަށް ނުހައްގުން، ސިޔާސީ ހުކުމެއް އިއްވި ނަމަ ބައްޕާފުޅު މައުމޫނާއި ބޭބޭފުޅު، ފާރިސް މައުމޫން ވެސް އެކަން ފާހަގަކުރައްވާނެ ކަމަށެވެ.

ޣައްސާން ވިދާޅުވީ އެތަން މިހާރުވެސް ފެންނަ ކަހަލަ ކަމަށެވެ. އަދި ސަރުކާރު ކޯލިޝަން ރޫޅުމާއި އެކު މައުމޫނާއި ފާރިޝް ވެސް ވަރަށް އަވަހަށް ޔާމީންގެ ދިފާއުގައި ނިކުންނަވާނެ ކަމަށެވެ. ޣައްސާން ވިދާޅުވީ ތަފާތު ފިކުރުތަކުގެ ޕާޓީތައް އެކުވެފައިވާ ކޯލިޝަނަކީ ތެލާއި ފެނުގެ ގުޅުން ކަމަށެވެ. ނަމަވެސް ރައީސް މައުމޫނާއި ޔާމީންގެ އޮތީ ލޭގެ ކުޅުން ކަމަށް ޣައްސާން ވިދާޅުވިއެވެ.

ކޯލިޝަން ރޫޅޭނެ ފަދަ މޭރުމަކުން ޣައްސާން ވާހަކަދައްކަވާފައި މިވަނީ އެމްއާރްއެމްގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި ޒަހާ ވަހީދުގެ އިސްތިއުފާ އަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ގޮވާލާފައި ވަނިކޮށެވެ.

Leave a Reply

Your email address will not be published. Required fields are marked *