ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބާއްވާ ޖަލްސާ މިރޭ ދަންވަރު

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

މިހާރު ތިބި ކައުންސިލަރުގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމަށްޓަކައި ބާއްވާ މަޖިލީހުގެ ޖަލްސާ މިރޭ ދަންވަރަށް އެޖެންޑާކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބާއްވާ ޖަލްސާ މިރޭ ދަންވަރު 1:30 އަށް ތާވަލުކޮށްފައިވާ ކަމަށެވެ. އަދި މިކަން މިހާރު ވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ވެސް ހިއްސާ ކުރައްވާފައެވެ. ބައެއް މެންބަރުން ވަނީ "ހަތާވީސް" އަށް މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިރޭ ދަންވަރު ޖަލްސާއެއް ބޭއްވުމަށް އެޖެންޑާ ކޮށްފައިވާއިރު މިދިޔަ ހޮނިހިރު ދުވަހުވެސް ވަނީ މިކަމުގައި ޖަލްސާއެއް ބާއްވާފައެވެ. ނަމަވެސް އެދުވަހު މި އިސްލާހަށް ވޯޓަށް އެހޭނެ ގޮތެއް ނުވިއެވެ. އެއީ މަޖިލީހުގެ މައިނޯރިޓީ ޕާޓީ ޕީޕީއެމް އިން އެކަމަށް އެއްބަސް ނުވުމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް ބޭއްވި މައިގަނޑު އެއް ސަބަބަކީ ވެސް ކޮމެޓީ ރިޕޯޓު ފާސް ކުރުމަށެވެ. ނަމަވެސް މިއަދު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮމެޓީ ރިޕޯޓު ފާސް ކުރުމަށް ފަހު މަޖިލީހަށް އެޖެންޑާ ކުރުމަށް ތިން ދުވަސް ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެއްޖެ ނަމަ އެ މުއްދަތު ފަހަނަ އަޅައި ވޯޓަށް އެހިދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ފަހުން ނަޝީދު ވިދާޅުވީ އެގޮތަށް މައިނޯޓީ ލީޑަރު އެއްބަސްނުވާ ކަމަށެވެ. ނަމަވެސް އުއްމީދު ކުރަނީ މައިނޯރިޓީ ލީޑަރު އަދިވެސް އެއްބަސްވާނެ ކަމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮމެޓީން މި އިސްލާހު ފާސްކުރިއިރު ދެ އިސްލާހެއް ބިލެއް ވަނީ ހުށަހަޅާފައެވެ. މި ދެ އިސްލާހު ވެސް ހުށަހެޅީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ. އޭގެތެރެއިން އެއް އިސްލާހުގައި ބުނެފައި އަންނަ މަހުގެ ތިންވަނަ ދުވަހު ދައުރު ހަމަވާ ކައުންސިލަރުންގެ ދައުރު ދަންމާލާ އަންނަ އަހަރު އާ ކައުންސިލެއް އިންތިހާބު ކުރުމާއި ޖެހެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމި ތިބޭނެ ކަމަށާއި ނަމަވެސް އެ ކައުންސިލަރުން މަގާމުގައި ތިބޭއިރު އަމަލުކުރާނެ އިންތިގާލީ ކަންތައްތަކެއް މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަނޑައަޅަން ވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *