ހޯމް މިނިސްޓަރު ނުސީދާކޮށް އެންއައިސީ އަށް ފާޑު ވިދާޅުވެއްޖެ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު --

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނުސީދާކޮށް ފާޑު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާއާ ޖަލުތަކުގައި ނުހަމައިން ކަންކަން ނުހިނގާނެ ގޮތަށް ސިޔާސަތުތައް އެކުލަވާލުމަކީ ހޯމް މިނިސްޓްރީން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންނަމަވެސް ވަކިވަކި ފުލުހުންނަށް ފިޔަވަޅު އެޅުމަކީ ގާނޫނީ ގޮތުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ކުރަން ލާޒިމް ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައި މިވަނީ ސީދާ ކޮން ކަމަކާއި ގުޅިގެން ކަމެއް ނޭނގެއެވެ. ނަމަވެސް އެމެރިކާގައި ދާދިފަހުން ފުލުހެއްގެ ސަބަބުން މީހަކު މަރުވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ރާއްޖޭގައިވެސް ފުލުހުން އާއްމުންނަށް ކޮށްފައިވާ އަނިޔާތަކާއި ގުޅޭ ފޮޓޯތަކެއް އަންނަނީ ދައުރުވަމުންނެވެ.

މީގެއިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެންއައިސީ އަށް ނުސީދާކޮށް ފާޑު ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް އެ ކޮމިޝަނުން އެއްބާރުލުން ދީފައި ނުވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެއީ ކޮވިޑް19 ގެ ސަބަބުން މިނިވަން މުއައްސަސާތަކުން މަސައްކަތްތައް ރާވާފައިވާ ގޮތްތަކާއި ގުޅިގެން އެ ކޮމެޓީން އެއް ކުރުމަށް ބޭނުންވި މައުލޫމާތުތައް ނުދިން މައްސަލައެކެވެ.

އެކަމާއި ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމާ ހިތާމަ ކުރައްވާ އެއީ އެ ކޮމިޝަނަށް އޮތް އިތުބާރު ގެއްލިގެން ދާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ވަނީ އެ ކޮމިޝަނުގައި ތިއްބެވި މެންބަރުން މިހާރުން މިހާރަށް ވަކި ކުރުމަށް ގޮވާލައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *