ލޮކްޑައުނަށްފަހު ރާނީގެ ފެނިލުން، އަސް ދުއްވުމުގައި

ރާނީ އެލްޒަބަތު: އެކަހެރިވެވަޑައިގެން ހުންނެވީ ވަކި ގަނޑުވަރެއްގައި

ކޮވިޑް19ގެ ނުރައްކާ ބޮޑުވެ، އިނގިރޭސިވިލާތް ލޮކްޑައުން ކުރިފަހުން އާންމުކޮށް، ފުރަތަމަ ފަހަރަށް އެ ގައުމުގެ ރާނީ "ފެނިލައިފި" އެވެ.

އިނގިރޭސީ ތަހުތުގައި ބައި ގަރުނަށްވުރެ، ގިނަ އަހަރު ހޭދަކުރައްވަމުން ގެންދަވާ އުމުރުފުޅުން 94 އަހަރުގެ ރާނީ އެލްޒަބަތު ދޭއް، ލޮކްޑައުންއަށްފަހު އާންމު ފެނިލުމަކުން ފެނުނީ އެކަމަނާ އެކަހެރިވެވަޑައިގެން ހުންނެވި ގަނޑުވަރުގެ ބާރުންނެވެ. ދުނިޔެއަށް ދިމާވެފައިވާ ސިއްހީ ވަބާއާ ގުޅިގެން، ފިރިކަލުންނާ އެކު އެކަމަނާ އެކަހެރިވެވަޑައިގެން ހުންނެވީ ވިންސަރ ކާސަލްގައެވެ. ރަސްކަމުގެ ކޮއިލު، ބަކިންހަމް ޕެލަސް ވަގުތީ ގޮތުން ދޫކުރައްވައި، ވިންސަރ ކާސަލްގައި އެކަމަނާ އެކަހެރިވެވަޑައިގެންނެވީ މާޗު 19 ވަނަ ދުވަހުއެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ)އިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން، ރާނީ އެލްޒަބަތު އިންނެވީ ގަދަ ފިޔާތޮށި ކުލައިގެ، ސްކާފެއް ތުރުކުރައްވައިގެން އަހަކަށް ސަވާރުވެގެންނެވެ. އެކަމަނާ ސަވާރުވެގެން އިންނެވި އަހަކީ އިނގިރޭސީވިލާތަށް ހާއްސަ އަހަރުގެ ޖަނަވާރުގެ ބާވަތެއް ކަމަށްވާ ފެލް ޕޯނީއެކެވެ.

ދުނިޔެއަށް ދިމާވެފައިވާ ސިއްހީ މުސީބާތުގެ ހާލަތުގައި ދެ ފަހަރެއްގެ މަތިން ރާނީ ވަނީ ޤައުމާ މުހާތަބު ކުރައްވާފައެވެ. އެފަދަ ޚިތާބުތައް އެކަމަނާ ދެއްވަނީ ވަރަށް މަދުންނެވެ. އެގޮތުން ޑަޔާނާ މަރުވި ހާދިސާ އާއި ގަލްފު ހަނގުރާމަފަދަ ތާރީހީ ބޮޑެތި ކަންތައްތަކާ ގުޅިގެން ރާނީ ވަނީ ގައުމާ މުހާތަބު ކުރައްވާފައެވެ.

އަސް ދުއްވުމަށްޓަކާ އެއަށް ސަވާރުވެގެން އިންނެވި ފޮޓޯ އާންމުވުމާ ގުޅިގެން، އެކަމާނާގެ ސިއްހީ ދުޅަހެޔޮކަމާއި ހެލިފެލިވުން ހުރިވަގު ގިނަ ބަޔަކަށް ވަޒަންކުރެވިގެންދެއެވެ.

އިނގިރޭސީ މީޑިއާތައް ބުނާކޮށް، ރާނީ އެލްޒަބަތުގެ ރަސްކަމުގެ ހާންދާނަކީ އަސް ދުއްވުމާއި އަސް އޮޅުކޮށްގެން ގެންގުޅުމާއި އެތަކެތި ވިއްސައި އާލާކުރަން ޝައުގުވެރިވާ ބައެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *