ކަރަންޓީނަށް އިމާރާތްތައް ނަގަން ނިންމީ މިއަދަކު ނޫން، ހަ އަހަރު ކުރިން!

ސިއްހީ ނުރައްކާ: ކަރަންޓީނު ކުރުމަށް އަމިއްލަ އިމާރާތްތައް ނަގަން ސަރުކާރަށް ނިންމާފައި އޮތީ 2012 ވަނަ އަހަރު މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގައި

ސިއްހީ މުސީބާތުގެ ހާލަތުގައި ގައިގަޔަށް އަރާ ބަޔެއް ޖެހިފައިވާ މީހުން ކަރަންޓީނު ކުރުމަށް، އަމިއްލަ އިމާރާތްތައް ދައުލަތަށް ނެގުމުގެ ބާރު، ސަރުކާރަށް ދީފައި އޮތީ ރައްޔިތުންގެ މަޖިލީހުން މީގެ ހަ އަހަރު ކުރިން ފާސްކޮށްފައިވާ ޤާނޫނެއްގައެވެ.

ސަރުކާރަށް އެ ބާރު ލިބިދީފައި އޮތްކަން އާއްމުންނަށާއި މީޑީއާތަކުގެ ސަމާލުކަމަށް އައީ ހެލްތު މިނިސްޓްރީން އިއްޔެ އާންމު ކުރި ގަވާއިދަކާ ގުޅިގެންނެވެ. ހެލްތު މިނިސްޓްރީން އެ ގަވާއިދު ގެޒެޓްކޮށްފައި ވަނީ މީގެ ހަ އަހަރު ކުރިން ތަސްދީގުކޮޮށްފައިވާ އާންމު ސިއްހަތު ރައްކާތެރިކުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 7/2012)އިން ބާރު ލިބިގެންނެވެ. އެ ޤާނޫނަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ތަސްދީގު ކުރެއްވި ޤާނޫނެކެވެ.

އެ ޤާނޫނުގެ 37 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަރަންޓީނު ކުރުމަށް، އިމާރާތްތައް ވަގުތީ ގޮތުން ސަރުކާރަށް ނެގުމުގެ ބާރު އޭރަކު ހުންނަ ހެލްތު މިނިސްޓަރަށް ލިބިގެންވެއެވެ. މީގެ އިތުރުން އިމާރާތުގައި މީހުން އުޅޭނަމަ، އެ މީހުންނަަށް ވަގުތީ ތަނެއް ހޯދައިދެވޭނެ ކަމަށާއި އެފަދަ އިމާރާތެއް ސަރުކަރަށް ބޭނުން ކުރެވޭނީ ގިނަވެގެން އެއް އަހަރަށް ކަމަށް ވެސް އެ ޤާނޫނުގައި ބުނެފައިވއެވެ. މީގެ އިތުރުން އެފަދަ އިމާރާތެއް ސަރުކާރާ ހަވާލު ކުރުމަށް ދެކޮޅު ހަދައިފިނަމަ، ކޯޓު އަމުރަކަށް އެދެވިދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ ހަ އަަހަރު ކުރިން ޤާނޫނަކުން ހެލްތު މިނިސްޓަރަކަށް ލިބިދީފައިވާ ބާރެއް، މިއަދު އެކަން ތަންފީޒު ކުރުމަށްޓަކައި ގަވާއިދު ހެދުމުން ގިނަ ބަޔަކަށް ލިބިފައިވަނީ ހައިރާން ކަމެކެވެ. ބައެއް މީހުންނަށް ވިސްނިފައި އޮތީ އެކަމަކީ ކޮވިޑް19ގެ ހާލަތާ ގުޅުވައިގެން، ސަރުކާރުން ނިންމި ކަމެއްގެ ގޮތަށެވެ. ހެލްތު މިނިސްޓްރީން އިއްޔެ އަމަލު ކުރަންފެށި "އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދަ"އަކީ އާންމު ފަރުދުންގެ ރައްކާތެރިކަމަށްޓަކާ ސިއްހީ މުހިއްމު އިޖުރާއަތުތަކެއް އެކުލެވިގެންވާ އާންމު ސިއްހަތުގެ ޤާނޫނުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެކެވެ. އާންމު ސިއްހަތުގެ ޤާނޫނުގެ ދަށުން 26 ގަވާއިދެއް ހެދުމުގެ ބާރު ހެލްތު މިނިސްޓަރަށް ލިބިދީފައިވެއެވެ. އެ ހުރިހާ ގަވާއިދެއް އެ މިނިސްޓްރީން ހަދާފައި އޮތް ކަން އެނގޭކަށް އަދި ނެތެވެ.

އާންމު ސިއްހަތުގެ ޤާނޫނަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި މުހިއްމު ޤާނޫނުތަކުގައި ތެރޭގައި ހިމެނޭ ޤާނޫނެކެވެ. ދެހާސްނުވަނަ ވަނަ އަހަރު އިންތިހާބު ކުރި މެމްބަރުންގެ މައްޗަށް އެކުލެވޭ 17 ވަނަ މަޖިލީހަކީ ގިނަ ޕާޓީތަކުގެ މެމްބަރުން އެކުލެވިގެން ވަކި ޕާޓީއަކަށް ސާފު މެޖޯރިޓީއެއް ނެތި، އޮތް މަޖިލީހެކެވެ. އެ މަޖިލީހުގައި ހޫނު ބަހުސްތަކާއި އުފެއްދުންތެރި ހިޔާލުތަކާ އެކު ރާއްޖޭގެ ޤާނޫނީ ނިޒާމަށް މުހިއްމު ޤާނޫނުތަކެއް އުފަންކުރިއެވެ.

Leave a Reply

Your email address will not be published. Required fields are marked *