ގުރައިދޫގައި ބިދޭސީ މީހާ މަރާލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ބިދޭސީ މީހާ މަރާލާފައި އޮއްވާ ފެނުނު ސަރަހައްދު ފުލުހުން ކޯޑަން ކޮށްފައި --- ފޮޓޯ / އެމްވީ ކްރައިސިސް

ތ. ގުރައިދޫގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީ އަކު މަރާލި މައްސަލައިގެ ތުހުމަތުގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމަހުގެ 21ވަނަ ދުވަހުގެ ރޭ ގުރައިދޫގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މީހާގެ މަރާއި ގުޅިގެން 22 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ މަރާލެވިފައި ވަނީ ދެ މީހުންގެ ދެމެދުގައި ހިނގާދިޔަ ހަމަނުޖެހުމެއްގެ ތެރެއިން ކަމަށް ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަންޖެހޭ ފޮރެންސިކް ހެކި ހޯދާ ތަހުގީގު ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތް 21ވަނަ ދުވަހުން ފެށިގެން ހައްޔަރު ކުރެވިފައިވާ ކަމަށެވެ.

ތ. ގުރައިދޫ ކައުންސިލް މެންބަރު ނައުފަލް ހަސަން “ހަތާވީސް” އަށް މައުލޫމާތު ދެއްވަމުން މި މަހުގެ 21ވަނަ ދުވަހުގެ ރޭ ވިދާޅުވީ އެމީހާގެ ގައިގެ ތިން ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށެވެ. ނައުފަލް ވިދާޅުވީ އެމީހާ މަރުވެފައި އޮއްވާ ފެނުނީ އެރޭ 1:00 ހާއިރު ކަމަށެވެ. ނައުފަލް ވިދާޅުވީ އެމީހާގެ މެއަށާއި ކަރަށް ވަޅިން ހަމަލާ ދީފައިވާ ކަމަށެވެ.

އެމީހާ ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް ވަނީ މަރުވެފައެވެ.

އެ މީހާއަކީ އެރަށުގައި ދަނޑުވެރިކަން ކުރާ ސައިޓެއްގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. ވަޅި ހެރުމަށްފަހު އެމީހާ އެއްލާލާފައި އޮއްވާ ފެނުނީ ސައިޓުގެ ކުރިމަތީގައި އޮންނަ ސަރަހައްދަކުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *