އެތައް ދުވަހެއް ވެގެން ދިޔައިރުވެސް އިސްލާހު ފާސްނުކޮށް މިއަދު އިދިކޮޅު ބޮލަށް ޖެހުމުން ޝިޔާމް ނުރުހިއްޖެ

ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މުހައްމަދު މަޖިލިސް ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ގާނޫނުއަސާސީ އިސްލާހު ކޮށްގެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮންނަތާ ދެ މަސް ފާއިތުވެގެން ދިޔައިރުވެސް މަސައްކަތް ނުފަށާ އޮތުމަށްފަހު، މިއަދު އެކަން އިދިކޮޅު މެންބަރުންގެ ބޮލަށް ޖެހުމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ނުރުހިއްޖެއެވެ.

މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު މުޅި މަޖިލީހުގެ ކޮމެޓީން ރޭ ވަނީ ފާސްކޮށްފައެވެ. އާއްމުކޮށް މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ދުވަހެއްގައި ޖަލްސާއެއް ބޭއްވި މައިގަނޑު ސަބަބަކީ ވެސް އެ އިސްލާހަށް މިއަދު ވޯޓަށް އެހުމެވެ.

ނަމަވެސް މިއަދު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮމެޓީ ރިޕޯޓު ފާސް ކުރުމަށް ފަހު މަޖިލީހަށް އެޖެންޑާ ކުރުމަށް ތިން ދުވަސް ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެއްޖެ ނަމަ އެ މުއްދަތު ފަހަނަ އަޅައި ވޯޓަށް އެހިދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ފަހުން ނަޝީދު ވިދާޅުވީ އެގޮތަށް މައިނޯޓީ ލީޑަރު އެއްބަސްނުވާ ކަމަށެވެ. ނަމަވެސް އުއްމީދު ކުރަނީ މައިނޯރިޓީ ލީޑަރު އަދިވެސް އެއްބަސްވާނެ ކަމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެންބަރުން އިދިކޮޅު ފަރާތްތަކަށް ދިޔައީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން އުޅެނީ ރައްޔިތުންނަށް ހެޔޮ އެދިގެން ނޫން ކަމަށާއި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ "ކަން ދެއްކުމަށް" ކަމަށްބުނެ ބައެއް ފަރާތްތަކުން ވާހަކަފުޅު ދެއްކެވިއެވެ.

އެކަމާއި ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ހުށަހެޅީ މިދިޔަ މާޗު މަހުގެ 31ވަނަ ދުވަހު ކަމަށެވެ. އެމްޑީޕީގެ 65 މެންބަރުން ތިއްބެވިއިރު ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނުނިންމާ ކައުންސިލަރުންގެ ދައުރު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް އިދިކޮޅު 9 މެންބަރުންގެ ބޮލުގައި އެކަން އެޅުވުމަށްވުރެ ޒިންމާދާރުކަން ކުޑަ ކަމެއް އެބައޮތްތޯ ސުވާލު ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެއީ ނާގާބިލުކަން ނޫން އިތުރު ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.