ކުއްޔަށް އުޅޭ މީހާ ނެރުމުގެ ކުރިން ދެމަސް ދުވަހުގެ ނޯޓިސްއެއް ދޭންޖެހޭ ގޮތަށް ބިލެއް އެކުލަވާލައިފި

ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޖީ ރިފްއަތު ވާހަކަދައްކަވަނީ: ފޮޓޯ / އަވަސް

ދިރިއުޅުމަށް ކުއްޔަށް ދޫކޮށްފައިވާ ތަނަކުން މީހަކު ނެރުމުގެ ކުރުން ދެމަސް ދުވަހުގެ ނޯޓިސް އެއް އެމީހަކަށް ދޭންޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ބިލެއް އެކުލަވާލާ މަޖިލީހަށް ހުށަހަޅައިފިއެވެ.

“ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020” ގެ ނަމުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފޮނުވާފައެވެ. ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ކޮވިޑް19 އާ ގުޅިގެން މެދުވެރިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ވަކިވަކި ފަރުދުންނާއި، ޢާއިލާތަކާއި، ވިޔަފާރިތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުން ކަމަށެވެ. އޭގެ އިތުރުން، ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއް ނެތި ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމަށް ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކުރާ އިޖުރާއަތުތަކަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް މިބިލުގައި ހިމަނާފައިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ ބިލު އެކުލަވާލާފައިވަނީ، ކޮވިޑް19 އާ ގުޅިގެން މެދުވެރިވެފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އަމިއްލަ ފަރުދުންނާއި ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެފަރާތްތަކަށް ކުރިމަތިވެފައިވާ އެނޫންވެސް އިޖްތިމާޢީ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ޤާނޫނުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް، ޚާއްޞަ ޤާނޫނެއް މެދުވެރިކޮށް ވަގުތީ ޙައްލުތަކެއް ހޯދައިދިނުމަށް އިސްކަންދީގެން ކަމަށެވެ.

ބިލުގައިވާ މުހިއްމު ބައިތައް:

ދިރިއުޅޭ ތަންތަނާގުޅޭ: އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި، ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުން ނޯޓިހެއް ދިނުމަކާ ނުލައި މީހުން ނެރިގެންނުވާނެ ކަމުގައި ކަނޑައަޅައި، ތަން ދޫކޮށް ދިޔުމަށް ދެމަސް ދުވަހުގެ ނޯޓިހެއް ދިނުމަށް ބިލުގައި ލާޒިމުކޮށްފައިވާނެއެވެ. މިކަން ލާޒިމުކޮށްފައިވާނީ، ނޯޓިހުގެ މުއްދަތު ހަމަވުމުގެ ކުރިން އެތަނުގައި ދިރިއުޅޭ ފަރާތްތައް ތަނުން ނުނެރެވުނަސް، ކުއްޔަށް ދޭ ފަރާތަށް ކުލީގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ކުލި ދެއްކުމުން ބަރީޢަނުވާ ގޮތަށެވެ.

އޭގެ އިތުރުން، ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް މެދުކަނޑާލައިގެންނުވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވާނެއެވެ.

ޙާލުގައިޖެހިފައިވާ ފަރާތްތަކާގުޅޭ: ކޮވިޑް19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅޭނެ ތަނެއް ނެތި މަގުމަތިވެފައިވާ މީހުންނަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންވާނެ ކަމަށްވެސް ހިމަނާފައިވާނެއެވެ. އަދި އެފަދައިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭއިރު، އެތަންތަނުގައި ފުރިހަމަވާންޖެހޭ އެންމެ އަސާސީ މިންގަނޑުތައްވެސް ބިލުގައި ކަނޑައަޅާފައިވާނެއެވެ.

އޭގެ އިތުރުން، ކޮވިޑް19 އާ ގުޅިގެން ކާބޯތަކެތި ހޯދޭނެ ގޮތެއް ނެތް ފަރާތްތަކަށް ސަރުކާރުން ކާބޯތަކެތި ފޯރުކޮށްދދޭންވާނެ ކަމުގައިވެސް ބިލުގައި ބަޔާންކޮށްފައިވާނެއެވެ. އަދި އެފަދައިން ކާބޯތަކެތި ފޯރުކޮށްދޭއިރު، އެކަން ކުރަންވާނީ، ރައްކާތެރި އަދި ހަމަހަމަ އުސޫލަކުން ކަމުގައިވެސް ބަޔާންކޮށްފައިވާނެއެވެ.

ވަޒީފާއާގުޅޭ: ކޮވިޑް19 އާ ގުޅިގެން މުވައްޒަފުންނަށް ޚާއްޞަ ސަލާމާއި ޢާއިލީ ޒިންމާގެ ޗުއްޓީއާއި އެނޫންވެސް ޚާއްޞަ ޗުއްޓީ ދޭންވާނެ ކަމުގައިވެސް ބިލުގައި ކަނޑައަޅާފައިވާނެއެވެ. އެގޮތުން، ބިލުގައި ބަޔާންކުރާ ޗުއްޓީ މުވައްޒަފުންނަށް ހަމަޖައްސައިދިނުމަކީ ވަޒީފާ ދޭ ފަރާތަށް ލާޒިމު ކަމެއް ކަމުގައި ބިލުގައި ބަޔާންކޮށްފައިވާނެއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ ކޮވިޑް19 އާ ގުޅިގެން ގިނަ ފަރާތްތަކެއްގެ ވަޒީފާއަށް ނުރަނގަޅު އަސަރުތަކެއް ކޮށްފައިވާއިރު، މި ބިލުގައި، ވަޒީފާދޭ ފަރާތުން ވަޒީފާ އަދާކުރާ ފަރާތާމެދު ފިޔަވަޅުއެޅުން ހުއްދަވާނެ ޙާލަތްތަކާއި، އެ ފިޔަވަޅު އެޅޭނެ ޙާލަތްތައް، ބަޔާންކޮށްފައިވާނެ ކަމަށެވެ. އެގޮތުން، މުވައްޒަފުންގެ މުސާރައަށް ބަދަލުގެނައުމަށް، ނުވަތަ މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ފޮނުވުމަށް ނުވަތަ މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމަށް ހުއްދަވާނެ ޙާލަތްތަކަކީ، ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް ނުރަނގަޅު އަސަރެއް ކޮށްފައިވުމާއެކު، އެފަދައިން ކޮށްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން ވަޒީފާދޭ ފަރާތަށް ލިބެމުންއައި އާމްދަނީ ދަށްވެ، އެ އާމްދަނީން މުވައްޒަފުންނަށް ކުރިން ދެމުން އައިސްފައިވާ މުސާރައާއި ޢިނާޔަތްތައް ދެމުންނުގެންދެވޭ މިންވަރަށް ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް އަސަރުކޮށްފައިވާ ޙާލަތުގައި ކަމުގައި ބިލުގައި ކަނޑައަޅާފައިވާނެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.