ޒަހާ އިސްތިއުފާ ދެއްވާ، ނޫނީ ވަކިކުރަން ޖެހިދާނެ: އެމްޑީޕީ މެންބަރުން

Zaha
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދު އިސްތިއުފާ ނުދެއްވައިފި ނަމަ މަގާމުން ވަކިކުރައްވަން ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން ވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް އެކުލަވާލަން ގާނޫނުގައި ބުނެފައިވާ މުއްދަތު ހަމަވެގެން ދިޔައިރު ވެސް ގަވާއިދުތައް ހެދިފައި ނުވާ މައްސަލަ މަޖިލީހުގެ ގަވާއިދު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފު ވިދާޅުވީ މަސްވެރިކަމަށް ޓަކައި މަސައްކަތްތަކެއް ކުރެވުނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ކަމަށެވެ. ދެން މަސައްކަތްތަކެއް ކުރެވުނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މި މަޖިލީހުގެ ތެރެއިން ކަމަށެވެ. ނަމަވެސް އެ ގާނޫނު އެކަށީގެންވާ މިންވަރަށް ތަންފީޒު ކުރެވެމުން ނުދާ ކަމަށެވެ.

މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ ޒަހާ އިސްތިއުފާ ނުދެއްވައިފި ނަމަ ވަރަށް އަވަހަށް ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އަދި ވިދާޅުވީ އެންމެ ރަނގަޅު އަދި ރީތި ގޮތަކީ މަގާމުން ވަކި ކުރުމުގެ ކުރިން އިސްތިއުފާ ދެއްވުން ކަމަށް ރާއީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަސްވެރިންނަށް ސަރުކާރުން އެތައް ވައުދުތަކެއް ވެފައިވާއިރު މިހާތަނަށް އެއްވެސް ވައުދެއް ފުއްދިފައި ނުވާ ކަމަށާއި މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދިއްޖެ ނަމަ ސަރުކާރު ފެއިލްވެ، އެމްޑީޕީވެސް ފެއިލް ވާނެ ކަމަށެވެ.

ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވަނީ ޒަހާ ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވުމަށް ގޮވާލައިފައެވެ. ޝަހީމް ވިދާޅުވީ ޒަހާ އަށް އެކަމަނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށެވެ. އަދި އެއީ ސަރުކާރަށް ޖެއްސުން ކުރުމަށް ކުރާ ކަމެއް ކަމަށް ތުހުމަތު ކުރެއްވިއެވެ.

މަސްވެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް ދުވަހަށް ނިންމާފައި ނުވާތީ އެ މައްސަލަ ދިރާސާ ކުރުމަށްފަހު ގަވާއިދު ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ މަސްވެރިކަމުގެ ގާނޫނުގައި ލާޒިމް ކޮށްފައިވާ ގަވާއިދުތައް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ނިމިފައި ނުވާކަން އެ ކޮމެޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ގާނޫނެއްގައި ވަކި ގޮތަކަށް އަމަލު ކުރަންވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ނަމަ އެއީ ގާނޫނުން އުފައްދާ ބަރީއަވުމެއް ނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއް ކަމަށް ބަލަންވާނެ ކަމަށް މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގެ 37ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް ފިޝަރީޒް މިނިސްޓްރީއާ މަސްވެރިކަމުގެ ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތެއް އަދާ ނުކުރުމުގެ ސަބަބުން އެ މުއްދަތު ފަހަނައަޅާ ދިއުމަށްފަހުން މިއަދާއި ހަމައަށްވެސް އެ މަސްއޫލިއްޔަތު އަދާކޮށްފައި ނުވާކަމުގެ ސަބަބުން އެ މިނިސްޓްރީ ގާނޫނާއި ހިލާފުވެފައިވާ ކަމަށް ކޮމެޓީއަށް ގަބޫލުކުރެވޭ ކަމަށާއި ފިޝަރީޒް މިނިސްޓަރު ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވާފައި ނުވާކަމަށް ކޮމެޓީގެ މެންބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

ކޮމެޓީން ވަނީ އެކަމުގައި މަޖިލީހަށް ފެންނަ ގޮތެއް ނިންމައި ދިނުމަށް އެދި ކޮމެޓީ ރިޕޯޓު ތަޅުމަށް ހުށަހަޅާފައެވެ. އަދި މާދަމާ އޮންނަ ޖަލްސާ އަށް މި ރިޕޯޓު ވަނީ އެޖެންޑާވެސް ކޮށްފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 10ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފިޝަރީޒް މިނިސްޓަރުގެ އަރިހުން މަސްވެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް އަވަސް ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

“އެހެންވީމަ އެކަން އިއްޒަތްތެރި ވަޒީރު ވަރަށް ބޮޑަށް ބަލައިގަންނާތި. އަދި އެ މަގަށް މަސައްކަތްކޮށްދެއްވުމަށް ނިހާޔަތަށް އަޅުގަނޑު އެދެން. ދެ ހަފްތާވެސް މި މަޖިލިސް ބަލައިގެންފި ނަމަ އަޅުގަނޑު އަޖައިބު ވާނެ،” ފިޝަރީޒް މިނިސްޓަރު ހާޒިރު ކުރެއްވި އެ ޖަލްސާގައި ރައީސް ނަޝީދު ވަޒީރު ޒަހާއަށް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ގާނޫނު އެކުލަވާލާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.