ބްލެކްމެއިލް ކޮށްގެން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ

ރޭޕްއާއި ދެކޮޅަށް އާންމުކޮށްފައިވަ ޕޯސްޓެއް-

އުމުރުން 16 އަހަރުވެސް ނުފުރޭ ކުޑަ އަންހެން ކުއްޖަކަށް ބްލެކްމެއިލް ކޮށްގެން ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ އަންހެން ކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު 05:37 ގައި ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލަ ހުށަހެޅުމާއި އެކު އެކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން މާލެގެ ގެސްޓް ހައުސް އެއްގެ ތެރެއިން ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ކުއްޖާ މާލޭގެ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި، އިތުރު މީހަކާއި އެކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ އެދުވަހުގެ މެންދުރު 13:08 ހާއިރު ކަމަށާއި އަދި ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީ މައްސަލަ އާއި ގުޅިގެން އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކުއްޖާގެ އާއިލާއަށް އޮޅުވާލާ، ކުއްޖާއަށް އޮޅުވާލާ ބްލެކްމެއިލްކޮށް، ބިރުދައްކާ، ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.

މި މައްސަލައާ ގުޅިގެން ތަހްޤީޤުގައި މިހާތަނަށް ބެލިބެލުމުން އެ އަންހެން ކުއްޖާގެ މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައިވަނީ ކުއްޖާ އަދި މައިންބަފައިން ނުދަންނަ މީހެއް ކައިރިއަށް ކުއްޖާ އެކަނި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ އަންހެން ކުއްޖާ މާލެ ގެނައުމުގައި ފައިސާ އާއި ގުޅުން ހުރި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ، ބްލެކްމެއިލްކޮށް ބިރުދައްކާފައިވާކަން ތަހްޤީޤަށް ފާހަގަ ކުރެވޭ ކަމަށާއި އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކީ ކުށުގެ ރެކޯޑްވެސް އޮންނަ މީހެއް ކަަމަށް ފުލުހުން ބުންޏެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ކުޑަކުދިން “ޤުރޫމް”ކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވާ އަދި ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ގޮތަށް ޢަމަލު ކުރާ މީހުންނާއިމެދު ޤާނޫނީގޮތުން އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ފުލުހުން އަޅަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޓަނެޓްގެ ޒަރިއްޔާއިން ކުދިން ނުރައްކަލަށް ހުށަހެޅިޔަ ނުދިނުމާއި، ނުދަންނަ މީހުން ކައިރިއަށް އަދި އެފަދަ މީހުންނާއި އެކު ކުދިން ތަންތަނަށް ނުފޮނުވުމާއި، ކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މިފަދަ މައްސަލަތަކުގެ މަޢުލޫމާތު ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓް ފޯން 3000600 ނުވަތަ 9790163 އަށާއި މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސާވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުއްވުމަށް އިލްތިމާސްކުރާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ދަނީ ތަހްޤީޤް ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.