މިހާރުން މިހާރަށް ބަދަލުކުރަންޖެހޭ މިނިވަން މުއައްސަސާތައް އެބަހުރި: އީސަ

ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އީސަ މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ރާއްޖޭގެ ބައެއް މިނިވަން މުއައްސަސާތަކުގެ ތެރެއިން މިހާރުން މިހާރަށް ބަދަލު ކުރަންޖެހޭ މުއައްސަސާތައް އެބަހުރި ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން، ކޮވިޑް19 އާއި ގުޅިގެން މިނިވަން މުއައްސަސާތަކުގެ މަސައްކަތްތައް ބައްޓަން ކުރެވިގެން ދިޔަ ގޮތްތަކާއި އަދި އެ މުއައްސަސާތަކުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ދިރާސާ ކުރެއްވި މައްސަލައިގެ ރިޕޯޓަށް ބަހުސް ކުރައްވަމުން އީސަ ވިދާޅުވީ ކޮމެޓީ ރިޕޯޓުގައި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ދޭންޖެހޭ އެއްބާރުލުން ދީފައި ނުވާތީ ކަންބޮޑުވާ ކަމަށެވެ. އެހެންކަމުން މިހާރުން މިހާރަށް އެ ކޮމިޝަނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނާޅާ ދޫކޮށްލައިފި ނަމަ މި މަޖިލީހަށް ހަވާލު ކޮށްފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ދައުލަތާއި ސަރުކާރުގެ މުއައްސަސާތައް ޒިންމާދާރު ކުރުވުން. ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ފޯރު ކޮށްދޭތޯ ބެލުން، ފޯރުކޮށް ނުދޭ ނަމަ އެކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅާ ރައްޔިތުންގެ އެ ހައްގުތައް ކަށަވަރު ކޮށްދިނުމަކީ މި މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެއް،" އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ އެފަދަ މައްސަލަތައް ލުއި ގޮތަކަށް ނެގުމަކީ ދޫކޮށްލެވޭ ވަރަށް ވުރެ ބޮޑެތި މައްސަލަތަކެއް ކަމަށެވެ. މަޖިލީހުން އެ މައްސަލާގައި އެންއައިސީން އިހުމާލި މީހުންނަކީ ކޮބައިކަން ބަލަންޖެހޭ ކަމަށާއި އަދި އެފަދަ މީހުންނަށް ފިޔަވަޅުތައް އެޅުމަށް އީސަ ވަނީ ގޮވާލައްވާފައެވެ.

"މިހާރުން މިހާރަށް ބަދަލުކުރަންޖެހޭ މިނިވަން މުއައްސަސާތައް އެބަހުރި. ހާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލަން ހިއުމަން ރައިޓްސް ކޮމިޝަން. ހިއުމަން ރައިޓްސް ކޮމިޝަނަކީ ވަރަށް ބޮޑެތި މަސްއޫލިއްޔަތުތަކެއް މަތިކޮށްފައި އޮތް މުއައްސަސާއެއް. މިދިޔަ ހައެއް އަށެއްކަ އަހަރު ގާނޫނުން އެ މުއައްސަސާ އަށް މަތިކޮށްފައިވާ ކަންކަން އެބޭފުޅުން ހިތަށްއެރި ގޮތަކަށް ކުރަމުން ދިޔައީ. އަދިވެސް އަޅުގަނޑުމެން މި މަޖިލިސް އިންތިހާބުވިތާ އެއް އަހަރުވީ އަދިވެސް އަޅުގަނޑުމެންނަށް ހިއުމަން ރައިޓްސް ކޮމިޝަނާއި ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅު ބަލަންޖެހޭ ބެލުންތައް ނުބެލޭ، މިއީ ހިތާމަހުރި ކަމެއް. ރައްޔިތުން އަޅުގަނޑުމެންނާއި ސުވާލު ކުރާ ކަމެއް،" އީސަ ވިދާޅުވިއެވެ.

ނުރުހުންވެ ވަޑައިގެން ހުންނަވާ ވާހަކަދައްކަވަމުން އީސަ ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނުގެ އެތައް މައްސަލަތަކެއް ރައްޔިތުން މަޖިލީހުގެ ކޮމެޓީން ބަލާ ފާހަގަކުރައްވާފައި އެބަހުރި ކަމަށެވެ. ނަމަވެސް އެއްގޮތަކަށް އެ މައްސަލަތައް ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ، އަދި އެޅޭނެ ފުރުސަތެއް މަޖިލީހަށް ހޯދިފައި ނުވާ ކަމަށާއި އެކަން ކަމަކީ މިއަދު ރައްޔިތުން މެންބަރުންނާއި ސުވާލުކުރުމުން ޖަވާބުދާރީވާން ޖެހޭ ކަމެއް ކަމަށް އީސަ ވިދާޅުވިއެވެ.

ކޮވިޑް19 އާއި ގުޅިގެން މިނިވަން މުއައްސަސާތަކުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެކުލަވާލި ރިޕޯޓު މަޖިލީހުގެ ތަޅުމަށް އިއްވައި ދެއްވަމުން އެ ކޮމެޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންއައިސީން ކޮމެޓީން އެދުނު މައުލޫމާތު ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެހެން މުއައްސަސާތަކުން އެ ކޮމެޓީއަށް މައުލޫމާތު ދީފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

“އިއްޒަތްތެރި މުގައްރިރު ފާހަގަކުރައްވައިފި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން މި މަޖިލީހުން އެދުނު މައުލޫމާތު ނުދެއްވާ ވާހަކަ. އެއީ އަޅުގަނޑަށް ފެންނަ ފެނުމުގައި ވަރަށް ދެރަ ކަމެއް. އެ ކޮމިޝަނުގެ އިތުބާރާއި ގުޅޭ ގޮތުން ސުވާލު އުފެދޭ ކަމެއް.” ނަޝީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *