ޕީޕީއެމް އެއްބަސް ނުވުމުން ގާނޫނުއަސާސީ އިސްލާހު ކުރުން ފަސްކޮށްފި

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމަށް ޕީޕީއެމްގެ މެންބަރުން އެއްބަސް ނުވުމުން، ގާނޫނުއަސާސީ އިސްލާހު ކުރުން ފަސްކޮށްފިއެވެ.

މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކުރީ ރޭ ބޭއްވި ކޮމެޓީ ބައްދަލުވުމުގައެވެ.

ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް) ހުށަހެޅުއްވި އެ އިސްލާހު މުޅި މަޖިލީހުގެ ކޮމެޓީން ދިރާސާ ކުރުމަށްފަހު ވޯޓަށް ވަނީ އަހާފައެވެ. މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރިޔާސަތު ބެލެހެއްޓެވި މި ކޮމެޓީން އިސްލާހު ފާސްކުރީ 63 މެންބަރުންގެ ވޯޓުންނެވެ.

މިއަދު ރައްޔިތުންގެ މަޖިލިސް ބޭއްވި މައިގަނޑު އެއް ސަބަބަކީ ވެސް ކޮމެޓީ ރިޕޯޓު ފާސް ކުރުމަށެވެ. ނަމަވެސް މިއަދު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮމެޓީ ރިޕޯޓު ފާސް ކުރުމަށް ފަހު މަޖިލީހަށް އެޖެންޑާ ކުރުމަށް ތިން ދުވަސް ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެއްޖެ ނަމަ އެ މުއްދަތު ފަހަނަ އަޅައި ވޯޓަށް އެހިދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ފަހުން ނަޝީދު ވިދާޅުވީ އެގޮތަށް މައިނޯޓީ ލީޑަރު އެއްބަސްނުވާ ކަމަށެވެ. ނަމަވެސް އުއްމީދު ކުރަނީ މައިނޯރިޓީ ލީޑަރު އަދިވެސް އެއްބަސްވާނެ ކަމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮމެޓީން މި އިސްލާހު ފާސްކުރިއިރު ދެ އިސްލާހެއް ބިލެއް ވަނީ ހުށަހަޅާފައެވެ. މި ދެ އިސްލާހު ވެސް ހުށަހެޅީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ. އޭގެތެރެއިން އެއް އިސްލާހުގައި ބުނެފައި އަންނަ މަހުގެ ތިންވަނަ ދުވަހު ދައުރު ހަމަވާ ކައުންސިލަރުންގެ ދައުރު ދަންމާލާ އަންނަ އަހަރު އާ ކައުންސިލެއް އިންތިހާބު ކުރުމާއި ޖެހެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމި ތިބޭނެ ކަމަށާއި ނަމަވެސް އެ ކައުންސިލަރުން މަގާމުގައި ތިބޭއިރު އަމަލުކުރާނެ އިންތިގާލީ ކަންތައްތަކެއް މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަނޑައަޅަން ވާނެ ކަމަށެވެ.

މުޅި މަޖިލީހުގެ ކޮމެޓީން މިރޭ ކުއްލި ގޮތަކަށް ބިލުގެ މަސައްކަތް ނިންމާލީ ބިލާއި ގުޅިގެން ސުޕްރީމް ކޯޓުން ހޯދި އިޝްތިޝާރީ ލަފައަށް ބެލުމަށްފަހުއެވެ. ސުޕްރީމް ކޯޓުން އިޝްތިޝާރީ ލަފައެއް ހޯދި ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެގެންނެވެ.

ގާނޫނުއަސާސީގެ 95 ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނުގައި ކަން އޮތްގޮތާ މެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ނުވަތަ ގާނޫނީގޮތުން ކަމެއް އޮތްގޮތާމެދު ސުޕްރީމްކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ސުޕްރީމްކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *