ސިރާޖަށް ރޮވިއްޖެ، ފެންކަޅިވެ ވާހަކަ ހުއްޓުނީ މަރެއްގެ ވާހަކައިން

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް/ ފޮޓޮ- ރައްޔިތުންގެ މަޖިލިސް

ދެހާސް ފަނަރަވަނަ އަހަރުގެ "މޭޑޭ" މުޒާހަރާގައި ފުލުހެއްގެ ގައިގައި ޖެހި ކަމަށްބުނެ ބުނެ ހައްޔަރުކުރި ގ. ކީމާ، އަބްދުﷲ ރަޝީދު ޖަލުގައި މަރުވި ވާހަކަ ދައްކަވަމުން ދަނިކޮށް ފޮނަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މޫސާ ސިރާޖު، ދައްކަވަމުން ދިޔަ ވާހަކަ ހުއްޓި އޭނާ އަށް ރޮވިއްޖެއެވެ.

މިނިވަން މުއައްސަސާތަކުން އެކުލަވާލާފައިވާ ކޮވިޑް19 އާއި ގުޅޭ ގޮތުން މުއައްސަސާތަކުގެ މަސައްކަތްތަކާއި ގުޅޭ ރިޕޯޓަށް ބަހުސް ކުރައްވަމުން ސިރާޖު ވަނީ ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ އިހުމާލު އޮތް މިންވަރު ހާމަ ކޮށްދެއްވުމަށް އަބްދުﷲ ރަޝީދުގެ މަރުގެ ވާހަކަ ހިއްސާ ކުރައްވާފައެވެ.

މޭޑޭ މުޒާހަރާއިން އަބްދުﷲ ރަޝީދު ހައްޔަރުކުރީ ފުލުހެއްގެ ގައިިގައި ޖެހިކަމުގެ ތުހުމަތުގައެވެ. އަދި ކޯޓުން ވެސް ވަނީ އޭނާގެ މައްޗަށް އެ ކުށް ސާބިތުވާކަމަށް ކަނޑައަޅައިފައެވެ. ސިރާޖު ވިދާޅުވީ ކުށެއް ސާބިތުވެ، އެ ކުށުގެ އުގޫބާތެއްގެ ގޮތުން ޖަލަށް ލުމުން މައްސަލައެއް ނެތް ކަަމަށެވެ.

"އެ އިހުމާލުން އަބްދުﷲ ރަޝީދު ދުނިޔެއިން ވަކިވާން ޖެހުނީމަ އެކަމުގެ އަދަބު ލިބޭ އެއްވެސް ފަރާތެއް ނެތް. އަދަބަކީ ހަމައެކަނި މަގާމުން ވަކިކުރުން. އެ ލިބެމުން ދިޔަ މުސާރަ ކަނޑާލަން. އެއީކީ އެންމެ އިންސާފުވެރި ގޮތް ކަމަކަށް ހަމަގައިމުވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" މެމްބަރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އަބްދުﷲ ރަޝީދު ޖަލުގައި މަރުވީ ބައެއްގެ ބޮޑު އިހުމާލުން ކަމަށް ވިދާޅުވެފައެވެ. ވިދާޅުވީ އޭނާ މަރުވީ އަޅާނުލާ ބޭސްފަރުވާ ނުކޮށް އޮތުމުގެ އިހުމާލުން ކަމަށެވެ. ސިރާޖު ވިދާޅުވީ އެފަދަ ކަމެއްގައި އިހުމާލުވީ މުއައްސަސާތަކުގެ މީހުން ވަކިކުރުމުގެ އިތުރުން އެންމެންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގާ އެމީހަކު ޒިންމާވާންޖެހޭ ވަރަކަށް ޖަލުގެ ހުކުމް އަންނަން ޖެހޭނެ ކަމަށެވެ.

"ފުލުހެއް ގައިގައި ޖަހައިގެން އަބްދުﷲ ރަޝީދު ޖަލުގައި އޮންނަން ޖެހުނިއްޔާ އަޅާނުލައިގެން ޖަލުގައި އަބްދުﷲ ރަޝީދު މަރާލީމަ އެކަމުގެ ޒިންމާ ނަގަންޖެހޭ މީހުން ޖަލަށް ނުލެވެންޏާ އަޅުގަނޑުމެން ކޮން ކަމެއްތޯ މި ކުރަނީ. އަޅުގަނޑުމެން ކޮން ވާހަކައެއްތޯ މި ދައްކަނީ،" ސިރާޖު ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދުގެ ވާހަކަދައްކަން ފެށުމާއެކު ކުރި އަސަރުން މެމްބަރަށް ވަނީ ވާހަކައައިގެން ކުރިއަށް ވަޑައިގަތުމަށް ވަރަށް ބޮޑަށް އުނދަގޫވެފައެވެ. އަދި އަބްދުﷲ ރަޝީދުގެ ވާހަކަ ދެއްކުމަކީ ވަރަށް އަސަރުކުރާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ސިރާޖުގެ ވާހަކަ ހުއްޓުމަކަށް އައީ "އަޅުގަނޑު ދިޔައިން އަބްދުﷲ ރަޝީދުގެ ވަކީލަކަށް" މިހިސާބުންނެވެ. އިތުރަށް އޭނާ އަށް ވާހަކަ ދެއްކޭ ވަރެއް ނުވިއެވެ. އޭނާ އިތުރަށް ރޮވެން ފެށިއެވެ.

އަބްދުﷲ ރަޝީދު މަރުވީ އޭނާ ޖަލު ބަންދުގައި ހުއްޓާ ވަރަށް ބޮޑަށް ހާލުދެރަވުމާ ގުޅިގެން އައިޖީއެމްއެޗަށް ގެނެސް އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް 2017 އޮކްޓޫބަރު މަހުގެ ތެރޭގައެވެ

ހިޔާލު ދެއްވާ!

Your email address will not be published.