އެންއައިސީން މައުލޫމާތު ނުދިނުމުން ކޮމިޝަނުގެ އިތުބާރާއި މެދު ސުވާލު އުފެދޭ: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި: ފޮޓޯ / މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނު (އެންއައިސީ) އިން މަޖިލީހަށް ދޭންޖެހޭ މައުލޫމާތު ނުދިނުމަކީ އެ ކޮމިޝަނުގެ އިތުބާރާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅިގެން މިނިވަން މުއައްސަސާތަކުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެކުލަވާލި ރިޕޯޓު މަޖިލީހުގެ ތަޅުމަށް އިއްވައި ދެއްވަމުން އެ ކޮމެޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންއައިސީން ކޮމެޓީން އެދުނު މައުލޫމާތު ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެހެން މުއައްސަސާތަކުން އެ ކޮމެޓީއަށް މައުލޫމާތު ދީފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"އިއްޒަތްތެރި މުގައްރިރު ފާހަގަކުރައްވައިފި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން މި މަޖިލީހުން އެދުނު މައުލޫމާތު ނުދެއްވާ ވާހަކަ. އެއީ އަޅުގަނޑަށް ފެންނަ ފެނުމުގައި ވަރަށް ދެރަ ކަމެއް. އެ ކޮމިޝަނުގެ އިތުބާރާއި ގުޅޭ ގޮތުން ސުވާލު އުފެދޭ ކަމެއް." ނަޝީދު ވިދާޅުވިއެވެ.

އެންއައިސީގައި ތިއްބަވާ މެންބަރުންނަކީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު ހަދީޖާ އަބްދުﷲ އަދި އަހުމަދު އަމީނުގެ އިތުރުން ކާނަލް (ރޓޑ) އަހްމަދު ޖިހާދުއެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.