ބަންގްލަދޭޝްގެ އިތުރު 195 މީހަކު ގައުމަށް ފޮނުވާލައިފި

ގައުމަށް އަނބުރާ ފޮނުވާލި ބަންގްލަދޭޝް މީހުން ވީއައިއޭގައި --

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ އިތުރު 195 މީހަކު މިއަދު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް އެމީހުން ފޮނުވާލާފައި ވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓެއްގައެވެ. އިއްޔެވެސް މޯލްޑިވިއަންގެ ފްލައިޓެއްގައި 198 ބަންގްލަދޭޝް މީހުން ގައުމަށް ފޮނުވާލާފައިވެއެވެ.

މިހާތަނަށް އެގައުމުގެ 1،000 އެއްހައި ރައްޔިތުން އެނބުރި ގައުމަށް ފޮނުވާލާފައިވެއެވެ. މިއީ ބަންގްލަދޭޝް ރައްޔިތުން ގެންދާ ހަތް ވަނަ ފްލައިޓެވެ. އޭގެ ތެރޭގައި މޯލްޑިވިއަންގެ ފްްލައިޓުތަކުގައި ގެންދިޔަ މީހުންނާއި ދިވެހި ސަރުކާރުން ޗާޓަރު ކުރި ބަންގްލަދޭޝްގެ އެއާލައިނެއްގެ ފްލައިޓެއްގައި ގެންދިޔަ މީހުންގެ އިތުރުން އެގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި ދެ ފަހަރެއްގެ މަތިން ގެންދިޔަ މީހުން ހިމެނެއެވެ.

ކުރިއަށް އޮތް ތިން މަސްތެރޭ، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 5،000 ބިދޭސިން އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަމަށް ސަރުކާރުން މީގެކުރިން ވަނީ ބުނެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.