ލޮކްޑައުން އަމުރާއި ހިލާފުވެގެން އިއްޔެ އެކަނިވެސް 155 މީހަކު ޖޫރިމަނާކޮށްފި

ލޮކްޑައުންގައި މަގުމަތީގައި އުޅުނު ބަޔަކު ޗެކް ކުރަނީ: ފޮޓޯ / ޕޮލިސް

މާލެއިން ކޮވިޑް19 ފެނުމާއި އެކު އިއުލާން ކޮށްފައިވާ ލޮކްޑައުންގެ އަމުރާއި ހިލާފުވެގެން އިއްޔެ އެކަނިވެސް 100އަށްވުރެ ގިނަ ޖޫރިމަނާކޮށްފިއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އެކަނިވެސް މާލެ ސަރަހައްދުން 155 މީހަކު ވަނީ ލޮކްޑައުން އަމުރާއި ހިލާފުވެގެން ޖޫރިމަނާކޮށްފައެވެ. އެންމެ ގިނައިން އިއްޔެވެސް ޖޫރިމަނާ ކޮށްފައި ވަނީ މާލެއިންނެވެ. އެގޮތުން މާލެއިން އިއްޔެ އެކަނިވެސް 137 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. 18 މީހަކު ޖޫރިމަނާ ކުރީ ހުޅުމާލެއިންނެވެ.

މިހާތަނަށް މާލެ ލޮކްޑައުން ކުރި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 6085 މީހަކު ވަނީ ލޮކްޑައުން އަމުރާއި ހިލާފުވެގެން ޖޫރިމަނާކޮށްފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އެކަނިވެސް މާލެ ސަރަހައްދުން ހަތް މީހަކު ވަނީ ލޮކްޑައުން އަމުރާއި ހިލާފުވެގެން ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހުން ހައްޔަރުކުރީ މާލެއިންނެވެ. އެކަކު ހުޅުމާލެއިން ހައްޔަރުކުރިއެވެ. މިހާތަނަށް ލޮކްޑައުން އަމުރާއި ހިލާފުވެގެން 345 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވީ ލޮކްޑައުން އަމުރާއި ހިލާފުވެގެން ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ދައުވާ އުފުލުމަށް ޕީޖީ އަށް ފޮނުވާފައިވާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.