ހިޔާލުތަފާތުވި އެމްޑީޕީ މެމްބަރުން އެއްގަލަކަށް އަރައިފި

ހިޔާލުތަފާތުވެ، އެމްޑީޕީގެ ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި ހަތަރު މެމްބަރުން-- ފޮޓޯ/ ހަތާވީސް

ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމާ ދެކޮޅު ހައްދަވައި، ސަރުކާރުން ހުށަހެޅި ބިލު މަޖިލިހަށް ބަލައިގަތުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ހަތަރު މެމްބަރުން ގޮތް ދޫކުރައްވައިފިއެވެ.

ޤާނޫނުއަސާސީ އިސްލާހު ކުރުމަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކުރުން ރަނގަޅު ކަމެއް ނޫން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ހިސާބުން ފެށިގެން އެގޮތުގައި ދެމިތިއްބެވި ހަތަރު މެމްބަރުން ގޮތް ދޫކުރައްވައި، އެމްޑީޕީ ޕީޖީ ގްރޫޕުގެ ނިންމުމަށް ތަބާވެވަޑައިގެންނެވީ ސުޕްރީމް ކޯޓުން މިއަދު މަޖިލީހަށް ދިން ލަފަޔާއެކުގައެވެ. ސުޕްރީމް ކޯޓުން ލަފާ ދިނީ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ގޮތަށް ޤާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން، ކައުންސިލަރުންގެ ދައުުރު ދެންމުމަށެވެ.

އެމްޑީޕީ ވިޕްލައިނާ ހިލާފުވި ހަތަރު މެމްބަރުން މަޖިލީހުގެ ރޭގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ. ހަތަރު މެމްބަރުން ވެސް ޤާނޫނުއަސާސީ އިސްލާހު ކުރަން ތާއިދު ކުރެއްވިއެވެ. ވާހަކަފުޅު ދެއްކެވި މަޑުމައިތިރިކަމާއެކުގައެވެ.

“…އަޅުގަނޑުމެން މި މަސައްކަތައިގެ ކުރިއަށް ގޮސް، ހިޔާލު އެއްގޮތް ކުރެވި އަވަހަށް މިކަން ނިންމޭތޯ މަސައްކަތް ކުރަންޖެހޭ،” މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވިއެވެ.

އޭނާއާ އެއްގޮތް ހިޔާލެއް ގެންގުޅުއްވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ އިންތިހާބީ މީހެއްގެ ދައުރު ހަމަވުމުން، ދެން އަންނަ މުއްދަތަކީ އިންތިހާބީ މުއްދަތުކަމަށް ބަލައިގެންނުވާނެ ކަމަށެވެ.

“އަދިވެސް އަޅުގަނޑު ގަބޫލު ކުރާ، ގަބޫލު ކުރުމަކީ ރައްޔިތުން އިންތިހާބު ކުރާ މީހެއްގެ އިންތިހާބީ މުއްދަތު ހަމަވިމާ އިންތިހާބީ މީހެއް ގޮތަށް އެހެން ބަޔަކަށެއް، ދައުރު ބަދަލެއް ނުކުރެވޭނެ. އިންތިހާބީއެއް ސުވިޗެއް ނުކުރެވޭނެ،” ވައްޑެ ވިދާޅުވިއެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު (ބޯދިގު) ގޮވާލެއްވީ ދާއިމީ ހައްލަކަށެވެ. “ރަނގަޅު ހައްލެއް އެ އިންނަންވާ ތަނެއްގަ އިންނަންވީ ގޮތަކަށް ރާވަންވީއޭ. ކޮންމެ ގޮތަކުން ވެސް މުޅި ދާއިމީ ހައްލެއް ގެނެވޭނެ ގޮތަކަށް މިކަން ކުރުން އެއީ އަޅުގަނޑުވެސް އެދޭ ގޮތް.”

“އަޅުގަނޑު ދެކޭ ގޮތުގައި ޤާނުނުއަސާސީއަށް ހުށަހެޅިފައިވާ އިސްލާހާ އެއްކޮށް، މިއަށް އެބަ ހައްލެއް ލިބިގެންދޭ. ސުޕްރީމް ކޯޓުގެ ލަފާގަ އެ ބަޔާންކޮށްފައި އޮތް ގޮތަށް،” މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވިއެވެ.

ޤާނުނުއަސާސީ އިސްލާހު ކުރުމަށް ކޮމެޓީން ފާސްކުރި ރިޕޯޓަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުން ވެސް ވޯޓު ދެއްވި

މުޅި މަޖިލީހުގެ ހުރިހާ މެމްބަރުން ބައިވެރިވާ ގޮތަށް، ރޭ ބޭއްވި މުޅި މަޖިލީހުގެ ކޮމެޓީން ފާސްކުރި ރިޕޯޓަށް އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ހިޔާލުތަފާތުވި މެމްބަރުން ވޯޓު ވެސް ދެއްވިއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.