ސުޕްރީމް ކޯޓުން ލަފާ ދިނީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް

އިންތިގާލީ މާއްދާއެއް އިތުރުކޮށް މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން ލަފާ ދީފިއެވެ.

ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމާއި ގުޅޭ ގޮތުން ލަފައަކަށް އެދުނީ އެކަމުގައި ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީ މެންބަރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކާއި ހެދިއެވެ. އެހެންކަމުން މަޖިލީހުން އެދުނީ މިކަމުގައި ސުޕްރީމް ކޯޓުން ލަފައެއް ދިނުމަށެވެ.

ގާނޫނުއަސާސީގެ 95 ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނުގައި ކަން އޮތްގޮތާ މެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ނުވަތަ ގާނޫނީގޮތުން ކަމެއް އޮތްގޮތާމެދު ސުޕްރީމްކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ސުޕްރީމްކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މައްސަލަ ދިރާސާކުރައްވައި މިއަދު ވަނީ، މަޖިލީހުން އެދުނު އިސްތިޝާރީ ލަފާ މަޖިލީހާ ހިއްސާކޮށްފައެވެ.

އިންތިހާބު ބޭއްވުމާ ހަމައަށް ދިމާވާ ގާނޫނީ ހުސްކަން ފޫބެއްދޭނެ ގާނޫނީ ހަމައަކީ ކޮބަައިކަމާ ގުޅޭ ނުކުތާގައި ބުނީ ޖޫން ތިން ވަނަ ދުވަހު މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވެ، ދުސްތޫރީ ނިޒާމުގެ ތެރެއިން އެ ފަރާތްތަކަށް މަގާމުގައި ނުތިބެވޭނެތީ އިންތިހާބު ބާއްވައި އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ އެއްވެސް އިސްތިސްނާއެއް ނެތި ގާނޫނުއަސާސީ ލާޒިމުކުރާ ކަމެއް ކަމަށެވެ.

ނަމަވެސް އެފަދަ އިންތިޒާމެއް ހަމަޖައްސާ ކަމަށްވާނަމަ ގާނޫނުއަސާސީއާ ފުށު އަރައިގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން މަޖިލީހަށް ދީފައިވާ އިޝްތިޝާރީ ލަފާގައި ބުނެފައިވެއެވެ.

“އެގޮތުން ގެނެވޭ އިސްލާހު ގާނޫނު އަސާސީގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީހުން ފެށިގެން ދެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވެންދެން 3 ޖޫން 2017 ގައި މަގާމާ ހަވާލުވި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެ ކަމަށް ސަރީހަ ބަހުން ބަޔާންކޮށް މެނުވީ، 4 އޭޕްރީލް 2020 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް އިލެެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހުމާ ގުޅިގެން، އެ އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމުވެ އާ އިންތިހާބެއް ބޭއްވުމާ ހަމައަށް ދިމާވާ ގާނޫނީ ހުސްކަން ގާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން ފޫބެއްދޭނެކަމަށް ނުފެންނަ ކަމަށެވެ.” ސުޕްރީމް ކޯޓުގެ ލަފާގައި ބުނެފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.