ވިޔަފާރި ކުރުމަށް އެއްވަގުތެއްގައި ހާހެއްހާ މީހުން އުޅޭނެ: ފުލުހުން

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސް، ޑރ. ފައިރޫޝް ވާހަކަދައްކަވަނީ ---

ކޮވިޑް19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުންކޮށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމުން، ވިޔަފާރި ކުރުމަށް ދޭ ހުއްދައިގެ ދަށުން އެއްވަގުތެއްގައި މާލޭގެ މަގުތަކުގައި ވިޔަފާރި ކުރުމަށް ހާހެއްހާ މީހުން އުޅޭ ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވީ ލޮކްޑައުން އަށް ދިން ލުއިތަކާއެކު ވިޔަފާރި ކުރުމަށް އިތުރު ހުއްދަތައް ދޭން ފެށުމުން ދެން މާލޭގެ މަގުމަތީގައި އެއްގަޑިއިރު އެވްރޭޖްކޮށް އުޅޭނީ 1،000 މީީހުން ކަމަށެވެ. ފައިރޫޝް ވިދާޅުވީ މީގެކުރިން ކޮންމެ ގެއަކުން ވެސް އެކަކަށް ވިޔަފާރި ކުރުމަށް ހުއްދަ ދިން ނަމަވެސް ލޮކްޑައުން އަށް ދިން ލުޔާއި އެކު ކޮންމެ ގެއަކުންވެސް ތިން މީހަކަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މީގެކުރިން ފުލުހުން ހުއްދަ ދީފައި ވަނީ މާލެ 26 ޒޯނަކަށް ބަހާލައިގެންނެވެ. ނަމަވެސް އަލަށް ދެވިގެންދާ ލޮކްޑައުން ލުއިތަކާއި އެކު ހުރިހާ ސަރަހައްދަކަށްވެސް ވިޔަފާރި ކުރުމަށް ހުއްދަ ދެވިގެން ދާނެ ކަމަށް ފައިރޫޝް ވިދާޅުވިއެވެ. އެގޮތަށް ހުއްދަ ދޭން ނިންމީ ވެސް އެއްވަގުތެއްގައި އެހާ ގިނަ ބަޔަކު މާލެ ތެރެއަށް ނިކުމެ މާލެތެރެ ތޮއްޖެހުމުން ކުޑަ ކުރުމަށް ކަމަށް ފައިރޫޝް ވިދާޅުވިއެވެ.

"އެހެން ހުއްދައިގެ ދަށުންވެސް މީހުން އުޅޭނެ. މަގުމަތީގައި ވިޔަފާރިތަކަށް [ޑެލިވަރީކުރުމަށް] ހުއްދަ ދީފައިވޭ 17،000 ޕާމިޓް،" ފައިރޫޝް ވިދާޅުވިއެވެ.

ފައިރޫޝް ވިދާޅުވީ، މީގެ ކުރިން ގަޑިއިރަކަށް ވިޔާފާރި ކުރުމަށް މިހާތަނަށް 31،000 މީހުންނަށް ހުއްދަ ދީފައިވާ ކަމަށާއި އޭރު އެއްވަގުތެއްގައި 26 ޒޯންގައި އެ ހުއްދައިގެ ދަށުން 624 މީހުން އުޅޭ ކަމަށެވެ. އޭނާ ވިދާޅުވީ އެއް ގެއެއްގައި އުޅޭ ތިން މީހުންނަށް ހުއްދަ ދެވޭއިރު އެއް ވަގުތެއްގައި ހުއްދަ ނުދޭނެ ކަމަށެވެ. އެގޮތުން ތިން މީހުންނަށް ވެސް ހުއްދަ ލިބޭނީ އެކި ވަގުތުތަކުގައި ކަމަށް ފައިރޫޝް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *