ލޮކްޑައުން އަމުރާ ހިލާފުވެގެން ހައްޔަރުކުރި ބައެއް މީހުންނަށް ދައުވާ އުފުލަން ފޮނުވައިފި

މަގުމަތީގައި އުޅުނު ބަޔަކު ހިފެހެއްޓުމަށްފަހު ފުލުހުން ޗެކު ކުރަނީ: ފޮޓޯ / ޕޮލިސް

ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި، ލޮކްޑައުން އަމުރާއި ހިލާފުވެގެން ހައްޔަރުކުރި ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ރޭ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވީ މިހާތަނަށް ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ދޫކޮށްލި މީހުންގެ މައްޗަށް ދައުވާ އުފުލުމަށް ޕީޖީ އަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި ހައްޔަރުގައި މިހާރު ތިބި މީހުންނަށް ދައުވާ އުފުލުމަށް ވެސް ނިންމާފައިވާ ކަމަށް ފައުރޫޝް ވިދާޅުވިއެވެ.

ފުލުހުން މިއަދު ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަދުގެ މިހާތަނަށް 338 މީހަކު ލޮކްޑައުން އަމުރާއި ހިލާފުވެގެން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރެއިން 299 މީހަކު ހައްޔަރުކޮށްފައި ވަނީ މާލެއިންނެވެ. 36 މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފައިވާއިރު ވިލިމާލެއިން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އިއްޔެ އެކަނިވެސް 20 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ލޮކްޑައުން އަމުރާއި ހިލާފުވެގެން 118 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 5،930 މީހަކު ވަނީ ލޮކްޑައުން އަމުރާއި ހިލާފުވެގެން ޖޫރިމަނާކޮށްފައެވެ.

މާލެ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު ދެ ހަފްތާ އަށް އިތުރު ކޮށްފައިވާއިރު ލޮކްޑައުން އާއި ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.